ޗައިނާ އިން ސްރީލަންކާގައި ގާއިމްކުރި ހަމްބަންޓޯޓާ ބަނދަރު ލަންކާ އިން ރަސްމީކޮށް 99 އަހަރަށް ޗައިނާއާ ހަވާލުކޮށްފި އެވެ.

ޗައިނާ އިން އެޅި އެ ބަނދަރު އޮޕަރޭޓް ކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ދެ ކުންފުންޏެއް ކަމަށްވާ ހަންބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕާއި އަދި ހަންބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ސާވިސާސް ގުޅިގެންނެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދުރަ ރާޖަޕަކްސާގެ ވެރިކަމުގައި ހިންގި ބޮޑެތި ޕްރޮޖެކްޓްތަކުގެ ދަރަނި ބޮޑުވުމުގެ ސަބަބުން، އެ ދަރަނިތައް އަދާކުރުމަށް ސްރިލަންކާ އިން ވަނީ އެ ގައުމުގެ ބައެއް އެސެޓްތައް ޗައިނާއާ ހަވާލުކުރުމަށް ނިންމައިފަ އެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިމް ވިކްރަމަސިންގަ ވިދާޅުވީ ލަންކާއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަގު އަށް ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

ޗައިނާ އަށް އެ ޕޯޓް ހަވާލުކުރުމާ ބެހޭ ގޮތުން ޕާލަމަންޓުގައި ރަނިލް ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ދަރަނިތައް ޗައިނާ އަށް އަދާކުރެވިގެން ދާނެ ކަމަށެވެ.

ޗައިނާ އިން ގާއިމްކުރި ޕޯޓުގެ ސަބަބުން ޗައިނާ އިން އިފްތިތާހު ކޮށްފައިވާ ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވް އިން ޗައިނާއާ ޔޫރަޕާ ގުޅުވައިދިނުމުގައި އެ ބަނދަރު މުހިންމު ދައުރެއް އަދާކުރާނެ އެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި މިއީ އެ ގައުމުގެ ހަރުމުދާތައް ވިއްކާލުން ކަމަށާއި އަދި އެ ޕޯޓް އޮޕަރޭޓް ކުރާއިރު ޗައިނާ އަށް ދިން ޓެކްސްގެ ލުއި ނިޒާމަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ޗައިނާ އިން އެޕޯޓް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރާނެ ކުރާނެ ކަމަށް އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވާތީވެ އެކަމަށް އިޝާރާތްކުރައްވައި ރަނިލް ވިދާޅުވީ އެ ބަނދަރު އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުުރުސަތެއް ނޯންނާނެ ކަމަށެވެ.