މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެ ޕެރޫގެ ގައުމީ ޓީމުގެ ކެޕްޓަން ޕައޮލޯ ގުރެއިރޯއަށް އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެއެވެ.

ކޮކެއިންއަކީ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީއިން 2017 ވަނަ އަހަރު މަނާކޮށްފައިވާ މާއްދާތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި ޓެސްޓްތަކުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ގުރެއިރޯ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ޓެސްޓަށް ޕޮޒިޓިވް ވުމާއިއެކު ގުރެއިރޯ ވަނީ ފީފާގެ އެންޓި ޑޯޕިން ގަވާއިދުގެ ހަވަނަ ނަމްބަރުގެ އިތުރުން އެ އިދާރާގެ ގަވާއިދުގެ 63 ވަނަ މާއްދާއާ ހިލާފުވެފައެވެ. މިކަމުގެ ސަބަބުން ފީފާއިން ވަނީ ފުޓްބޯޅައާ ގުޅުންހުރި ހުރިހާ ކަމަކުން ގުރެއިރޯ 12 މަސް ދުވަހަށް ސަސްޕެންޑްކޮށް އޭނާއަށް އަދަބު ދީފައެވެ. އޭނާގެ އެ ސަސްޕެންޝަން ފެށުނު ތާރީޚަކީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ.

އެ ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ކްލަބުގެ އެއްވެސް މެޗެއް ނުކުޅެވޭނެއެވެ. ހަމައެހެންމެ އޭނާއަށް ޕެރޫއިން ކުޅޭ އެއްވެސް ރަހުމަތްތެރިކަމުގެ މެޗެއްގައި ވެސް ނުކުޅެވޭނެއެވެ.

ގުރެއިރޯ އަކީ ޕެރޫގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާވަނީ ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި 32 ލަނޑު ޖަހައިދީފައެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ 1958 ވަނަ އަހަރުގެ ފަހުން ޕެރޫ ވޯލްޑް ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރަށެވެ. ވޯލްޑް ކަޕަށް ކޮލިފައިވި ދުވަހު ޕެރޫގެ ރައީސް ވަނީ އެ ދުވަހަކީ އެ ގައުމަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.