އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ޓީވީ ބެލުމުގައި އަށް ގަޑިއިރު ހޭދަކުރައްވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓްރަމްޕްގެ އަރިސް މީހުންނާ ހަވާލުދީ ނިއުޔޯކްޓައިމްސް އިން ބުނީ ޓްރަމްޕް ހެނދުނު 5:30ގައި އެންމެ ފުރަތަމަ ބައްލަވަނީ ސީއެންއެން ކަމަށެވެ. ޓްރަމްޕް އަބަދުވެސް ތުހުމަތުކުރައްވާ ގޮތުގައި ސީއެންއެން އަކީ އެމަނިކުފާނާ ޖައްސައިލައިގެން އުޅޭ މީޑިއާއެކެވެ.

ސީއެންއެން އަށް ފަހު ޓްރަމްޕް ދެން ހޭދަކުރައް ވަނީ ފޮކްސް ނިއުސް ޗެނަލް ބެއްލެވުމުގައި ކަމަށް ނިއުޔޯކްޓައިމްސް އިން ބުންޏެވެ. އެގޮތުން ޓްރަމްޕް އެންމެ ގިނަވަގުތު ހޭދަކުރައްވަނީ ފޮކްސް ނިއުސްއިން ހެނދުނު ހަޔަކުން ނުވަޔަކަށް ގެނެސްދޭ "ފޮކްސް އެންޑް ފްރެންޑްސް" ބެލުމުގައި ކަމަށް ވެސް ނިއު ޔޯކްޓައިމްސް އިން ބުންޏެވެ.

ޓްރަމްޕް ބައްލަވާ އެހެނިހެން ޕްރޮގްރާމުތަކުގެ ތެރޭގައި ސީން ހެނިޓީ، ލައުރާ އިންގްރޭހަމް އަދި ޖެނީ ޕީރޯ ހުށަހަޅައިދޭ ޕްރައިމް ޝޯތައް ވެސް ހިމެނެ އެވެ.

ފޮކްސް ނިއުސް އަކީ ޓްރަމްޕް އަބަދުވެސް ވަރަށް ގަޔާވާ ޗެނަލެކެވެ. ކަނާތުފިޔައިގެ އަދި ރެޕަބްލިކް ވިސްނުމަށް ތާއީދު ކުރާ އެ ޗެނަލް ފާހަގަކުރެވިފައި ވަނީ މުސްލިމުންނާ ވަރަށް ދެކޮޅު ޗެނެލެއްގެ ގޮތުގަ އެވެ.

މީގެ ކުރިން ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު އެހާ ގިނައިން ޓީވީ ނުބައްލަވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ބޮޑަށް ހޭދަކުރައް ވަނީ ގިނައިން ތަފާތު އެއްޗެތި ކިޔުއްވުމުގައި ކަމަށެވެ.

"ގަބޫލު ކުރިޔަސް ނުކުރިޔަސް އަޅުގަނޑު ނިއުޔޯކް އަދި ވޮޝިންގްޓަންގައި އުޅޭއިރު އެހާ ގިނައިން ޓީވީއެއް ނުބަލަން. އަޅުގަނޑު ރަނގަޅަށް ނުދަންނަ މީހުން ބުނާނެ އަޅުގަނޑު ޓީވީ ބަލައޭ. އެއީ ހުސް އެކިތަންތަނުން ފޮނުވާ ބުހުތާނު ދޮގު ހަބަރު. އަހަރެންނަށް ޓީވީ ބަލާނެ ވަގުތު ނުވަނީ ބޮޑަށް އެކި ޑޮކިޔުމަންޓްތައް ކިޔަން ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ،" ޓްރަމްޕް ވިދާޅުވި އެވެ.