ދިވެހި ރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު] ގައިވާ [ދިވެހިބަހުގެ އެކެޑަމީ] ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، އެ ޤާނޫނުގައިވާ ގޮތުގެ މަތިން އެ މުއައްސަސާ އަށް ފަސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި އެވެ. މިބޭފުޅުން މެންބަރު ކަމަށް ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުން އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޙަވާލުކުރެއްވީ، އެކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ދިވެހިބަހުގެ އެކެޑަމީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ފަސް ބޭފުޅުންނަކީ، ގަލޮޅު ނައިފަރު ނުޢުމާ ޢަބްދުއްރަޙީމާއި މާފަންނު މަގުމަތީގޭ ރާފިޢާ ޢަބްދުލްޤާދިރާއި ގދ. ފަރެސް މާތޮޑާ ހުސްނުހީނާގޭ މުޙަންމަދު ޢާމިރު އަޙްމަދާއި އދ. މަހިބަދޫ ދަނބު ސުތުލިގޭ ޒީނަތު އަޙްމަދާއި ގއ. ނިލަންދޫ ލިލީމާގޭ އަޝްރަފް ޢަލީއެވެ.

އެބޭފުޅުންނާ މަގާމުގެ ލިޔުން ޙަވާލުކުރެއްވުމަށް ފަހު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހުގެ އެކެޑަމީއަށް އެމަނިކުފާނު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މީގެކުރީގައި ޢާންމުކޮށް ދިވެހިބަހުގެ ފުންނާބު އުސް ބޭފުޅުންގެ ގޮތުގައި އެހާ ބޮޑަށް ފާހަގަވެފައިވާ ބޭފުޅުން ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެކެޑަމީ އެކުލަވާލެއްވީ، މިޒަމާނުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި، ދިވެހިބަސް ދިރުވުމުގެ ޝައުޤުވެރިކަން ގެންގުޅުއްވާ ބޭފުޅުންގެ މައްޗަށް ކަމަށާއި މިގޮތުން، އެކެޑަމީއަށް ކަނޑައެޅުއްވި ބޭފުޅުންނަކީ، ދިވެހިބަސް ދިރުވުމަށް އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެކެޑަމީއަށް ބޭފުޅުން ޢައްޔަން ކުރެއްވުމުގެ މަސައްކަތުގައި، ދިވެހިބަހުގެ މުދައްރިސެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދިވެހިބަސް މުއްސަނދި ކުރުމަކީ، ދިވެހިވަންތަ ކަމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އަދި ދިވެހިބަހަކީ މުއްސަނދި ކުރެވެން އޮތް ބަހެއް ކަމަށާއި ސަރުކާރުގެ އެންމެބޮޑު އަމާޒަކަށްވާނީ، ދިވެހިބަސް މުއްސަނދި ކުރެއްވުން ކަމުގައި ވިދާޅުވި އެވެ.

ދިވެހިބަސް މުއްސަނދި ކުރުމުގައި ގެންގުޅެންވީ ވިސްނުންތަކެއް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ދިވެހިބަސް ދިރޭ ބަހަކަށްވާ އިރު، ބަސް ވިހަން ޖެހޭ ކަމަށާއި ބަސް ވިހެއުމުގެ ހަމަތަކެއް ގެންގުޅެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ދިވެހިބަސް ކުރިއެރުވުމަށް އޮތް އަނެއް ފުރްޞަތަކީ، ބިދޭސީ އެކިއެކި ވިސްނުންތައް ދިވެހިބަހަށް ގެނައުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހިބަހުގެ އެކެޑަމީގެ މަސައްކަތްތައް ވީހާވެސް އަވަސް މިނެއްގައި، އަދި ހުޅުވިގެންވާ ވިސްނުމެއްގައި ގެންގޮސްދެއްވުމަށް ދިވެހިބަހުގެ އެކެޑަމީގެ ބޭފުޅުންގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައިވާ ގޮތުން އެކެޑަމީގެ ފަސް މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ފިޔަވައި އަނެއް ތިން މެންބަރުންނަކީ ޕާޓްޓައިމް މެންބަރުންނެވެ. ރައީސާއި ނައިބު ރައީސް ހޮވޭނީ، މެންބަރުންގެ މެދުގައި ބޭއްވޭ ސިއްރު ވޯޓަކުން އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ގާނޫނުގައި ވަނީ އެކަޑަމީގެ ބޭފުޅުންނަށް މުސާރަ ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ބުނީ އަދި އެ ބޭފުޅުންގެ މުސާރަ ރައީސް ކަނޑަނާޅުއްވާ ކަމަށެވެ.

ދިވެހިބަހުގެ އެކެޑަމީގެ މަސްއޫލިއްޔަތުތައް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދިވެހިބަސް ޙިމާޔަތްކޮށް ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރުމާއި، ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި ވިޔަފާރިއާއި ތަޢްލީމާއި އެހެނިހެން ޢާންމު މުޢާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދަމަހައްޓައި ދިވެހިބަސް ފެތުރުމާއި، ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުޞޫލުތައް ކަނޑައަޅައި، ބަހުގެ ޤަވާޢިދު އެކުލަވާލައި، މިކަންކަން ޢާންމުކޮށް ފެތުރުން ހިމެނެ އެވެ. އަދި ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން ދިވެހިބަހާއި އަދަބިއްޔާތާއި، ޘަޤާފަތާއި، ތަރިކައާ ބެހޭގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމާއި ދިވެހިބަސް ފޮތްތައް އެކުލަވާލައި ޝާއިޢު ކުރަމުން ގެންދިޔުމާއި، ދިވެހިބަހާއި ތާރީޚާބެހޭ ޢިލްމީ ދިރާސާތަކާއި، ޢިލްމީ ޙަރަކާތްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގުން ހިމެނެ އެވެ.

ޤާނޫނުގައިވާ ގޮތުން ދިވެހިބަހުގެ ޤަވާޢިދާއި ހަމަތަކާ ބެހޭގޮތުން އެންމެ ފަހު ބަސް ބުނާ ފަރާތަކީ ދިވެހިބަހުގެ އެކެޑަމީ އެވެ. އަދި ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ބެހޭ ގޮތުން ބުނާ އެންމެ ފަހު ބަސް އެއީ އެކެޑަމީގެ ބަހެއް ކަމަށް ވާނީ، އެކެޑަމީގެ ރަސްމީ ލެޓާހެޑްގައި ލިޔެ، އެކެޑަމީގެ ރައީސް ސޮއި ކުރައްވައި، އެކެޑަމީގެ ތައްގަނޑު ޖަހާފައިވާ ނަމަ އެވެ. އަދި ދައުލަތުގެ އެންމެހާ މުޢާމަލާތްތަކެއްގައި ދިވެހިބަހާ ބެހޭގޮތުން އެކެޑަމީއިންދޭ ލަފައަށް ހުރިހާ ފަރާތްތަކަކުން ވެސް އިޙްތިރާމް ކުރަންވާނެ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ދިވެހިބަހުގެ އެކެޑަމީ އިފްތިތާޙް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ތަޢާރުފް ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދެވެ. މި އެކެޑަމީއަށް ޢައްޔަން ކުރެއްވި ބޭފުޅުންގެ ކުރު ތަޢާރުފެއް ދެއްވީވެސް އޭނާއެވެ.