އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާން އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ރޭގެ ނަތީޖާއާ އެކު ލީގުގެ އެއްވަނާގައި 40 ޕޮއިންޓާ އެކު އޮތީ އިންޓަ އެވެ. ޔުވެންޓަސް އޮތީ 38 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 38 ޕޮއިންޓާ އެކު ލީގުގެ ދެވަނާގައި އޮތީ ނަޕޯލީ އެވެ. މިރޭ ފިއޮރެންޓީނާއާ ބައްދަލު ކުރާ މެޗުން މޮޅުވެ ނަޕޯލީ އަށް އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި އެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ވަނީ ތަނަވަސްކޮށްފަ އެވެ. އެގޮތުން ޔުވެންޓަސްގެ ފޯވާޑް މާރިއޯ މަންޒުކިޗް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެފަ އެވެ.

މީގެއިތުރުން ވެސް މަންޒުކިޗް ވަނީ އިންޓަގެ ގޯލަށް މި މެޗުގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި އިންޓަގެ ކީޕަރު ހެންޑެނޮވިޗްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

އިންޓަގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިނުވާ އިރު ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް އެޓީމަށް މުޅި މެޗުގައި ވެސް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ.

ރޭގެ މެޗު އެއްވަރުކޮށް ލީގުގެ އެއްވަނަ މަގާމު އިންޓަ އިން ދިފާއުކުރިއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެ އެވެ.