10 Dec 2017, 09:45
ސެވިއްޔާ ކޮޅަށް ފަސް ލަނޑު ޖަހައި ރެއާލް މެޑްރިޑް ސްޕެނިޝް ލީގުގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުު ރެއާލް އިން ކާމިޔާބު ކުރީ 5-0ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ރެއާލް އަށް ތާވަލުގެ ތިން ވަނަ ލިބެނީ އެތުލެޓިކޯ މެޑްރިޑަށް ވުރެ އެއް މެޗުން އިތުރަށް ކުޅެ، 31 ޕޮއިންޓާއެކު އެވެ. ދެވަނާގައި އޮތް ވެލެންސިއާ އަށް 34 ޕޮއިންޓް ލިބޭ އިރު، އެއްވަނާގައި 36 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.
ރޮނާލްޑޯގެ ދެ ގޯލު މި މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ދެން ހުރި ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ނަޗޯ އާއި ޓޯނީ ކްރޫސްގެ އިތުރުން ޒުވާން ކުޅުންތެރިޔާ ހަކީމީ އެވެ. މި މެޗުގައި ހަކީމީ ޖެހި ލަނޑަކީ ރެއަލް މެޑްރިޑަށް އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލު ކަން ފާހަގަކޮށްލެވެ އެވެ.
ރެއާލްގެ ފަސް ލަނޑު ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗުގެ ތިން ވަނަ މިނެޓުގައި ނަޗޯ ފެނާންޑޭޒް ވަނީ ރެއާލް އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ލީޑް ފުޅާ ކޮށްދީފަ އެވެ.
ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ އިތުރު ލަނޑެއް ކާމިޔާބު ކުރި އިރު އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޓޮނީ ކްރޫސްއެވެ. އަދި ފުރަތަމަ ހާފްގެ ކުޅުން ނިމުމަށް މިނެޓަކަށް ވެފައި ވަނިކޮށް މެޗުގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ އަޝްރަފް ހަކީމީ އެވެ.
ސްޕެނިޝް ލީގުގައި މިރޭ އެއްވަނައި އޮތް ބާސާ ބައްދަލު ކުރާނީ ވިލަރެއާލްއާ އެވެ.