ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާއި ބޭރު މީހުންގެ ލޮލުގައި އެންމެ އަޅައިގަންނަނީ ރާއްޖޭގެ ގުދުރަތީ ރީތި ގޮނޑުދޮށްތަކާއި މޫދެވެ. ދިވެހިންގެ ހިތްހެޔޮކަމާއި މެހުމާންދާރީއަކީ އެމީހުންގެ ހިތްތަކުގައި އަބަދު ވެސް ހަރުލާފައި ހުންނާނެ ހަނދާނެކެވެ.

އިންޑިއާގެ މިއުޒިކް ޕްރޮޑިއުސަރު އަދި ޑީޖޭ އަކްބަރު ސާމީ ވަނީ މިދިޔަ ހަފްތާގައި ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. ކޮކާ ކޯލާ އިން ބޭއްވި ބޮލީވުޑް ފިއެސްޓާގެ އިތުރުން އަދާރަން ޕެރިސްޓީޖް ވާދޫގައި ބޭއްވި ޝޯއެއްގައި މިއުޒިކް ކުޅުމަށް އަކްބަރު ސާމީ ރާއްޖެ އަށް ކުރި ފުރަތަމަ ޒިޔާރަތަށް ފަހު އޭނާގެ ހިތް އެކީ އޮތީ ރާއްޖެއަށް ދެވިފަ އެވެ.

ޑީޖޭ އަކްބަރު ސާމީ -- ފޮޓޯ: ފޭސްބުކް

"ރާއްޖެއަކީ ވަރަށް ހިތްގައިމު ތަނެއް. ދިވެހިންނަކީ ވަރަށް ހިތްހެޔޮޮ ބައެއް. އެކަކު އަނެކަކަށް އިހްތިރާމު ކުރުން މި ފެންނަނީ. މިހާރު ވަރަށް ނުފެންނަ ސިފައެއް މިއީ،" އަދާރަން ޕެރިސްޓީޖް ވާދޫގައި ހުރެ ސަން އަށް ދިން އިންޓަވިއު އެއްގައި އަކްބަރު ސާމީ ބުންޏެވެ.

ކާމިޔާބު ހަތަރު އަލްބަމެއްގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ގިނަ ލަވަތަކެއްގެ މިއުޒިކް ޕްރޮޑިއުސްކޮށްފައިވާ އަކްބަރު ސާމީ ވަނީ އޭނާގެ އަޑުން ކިޔާފައިވާ ފުރަތަމަ ލަވައިގެ ވީޑިއޯ ރާއްޖޭގައި ނަގައިފަ އެވެ.

އެގޮތުން އަކްބަރު ސާމީގެ އަޑުން، ކުރީގެ މަޝްހޫރު ލަވަ "ކަބީ ކަބީ މެރެ ދިލް މޭ"ގެ ކަވާއެއް ވަރަށް އަވަހަށް އިވިގެންދާނެ ކަމަށް އޭނާ ބުންޏެވެ. "ލަވަ ރިކޯޑް ކުރާ އިރު ކިޔުންތެރިންނަށް ބައެއް ފަހަރު ތަންކޮޅުކޮޅު ބުނެލަދީ ހަދަން. އެމީހުން ބުނާނެ ލަވަ ކިޔަން ވީނުންހޭ. މި ލަވައަކީ އަހަރެން ރިކޯޑްކުރި ފުރަތަމަ ލަވަ. ވީޑިއޯ މި ނަގަނީ މި ރިސޯޓުގެ [އަދާރަން ޕެރިސްޓީޖް] ހިތްގައިމު މާހައުލުގައި،" އަކްބަރު ސާމީ ބުންޏެވެ.

ޑީޖޭ އަކްބަރު ސާމީ -- ފޮޓޯ: ފޭސްބުކް

އަކްބަރު ސާމީ މިއުޒިކް ޕްރޮޑިއުސްކޮށްފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ޕިރްބީ ދިލްހޭ ހިންދުސްތާނީ، ހޭ ބޭބީ، ޒަރަ ޖޫމްޖޫމް، ސާރަ ޒަމާނާ، ރާތް ބާކީ ފަދަ ލަވަތައް ހިމެނެ އެވެ. މީގެ އިތުރުން "ހޭ ބޭބީ"، "ޕާޓްނާ"، ބޫލް ބުލައްޔާ، "ޖާނެ ތޫ ޔާ ޖާނެ ނާ" ފަދަ ފިލްމުތަކަށް އޭނާ ވަނީ މިއުޒިކް ޕްރޮޑިއުސްކޮށްދީފަ އެވެ.

ސޯނޫ ނިގަމް އާއި ހިމޭޝް ރޭޝަމިޔާ ފަދަ މިއުޒީޝަނުންނާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަކްބަރު ސާމީ މިހާރު ބޮޑަށް މަސައްކަތް ކުރަނީ އޭނާގެ ޑީޖޭ ކެރިއަރުގަ އެވެ.

"އަންނަ އަހަރުގެ މާޗު ނޫނީ އޭޕްރީލް ހިސާބުގައި އޮންނާނެ އަހަރެންގެ ޔޫއެސް ޓުއާ. އެ ޓުއާގެ ތެރެއިން ރާއްޖޭގައި މި ނަގާ ލަވަ ވެސް ރިލީޒް ކުރާނަން،" އަކްބަރު ސާމީ ބުންޏެވެ.

އޭނާ ބުނީ ބޮލީވުޑް މިއުޒިކަކީ ދިވެހިންނަށް ކަމުދާ އެއްޗެއް ކަމަށެެވެ.

"މާލޭގައި އަހަރެމެން ޝޯ ދިންރޭ އެނގުނު ދިވެހިން ބޮލީވުޑް މިއުޒިކަށް ޝައުގު ހުންނަވަރު. އެމީހުންނަށް ނޭނގޭ ލަވައެއް ނުކުޅެވޭ. ލަވައާ އެއްވަރަށް ކިޔާ ވަރަށް ފޯރިނަގާ ބައެއް ދިވެހިންނަކީ،" ދިވެހިންދެކެ "ލޯބި ވެވިއްޖެ" ކަމަށް ބުނަމުން އަކްބަރު ސާމީ ބުންޏެވެ.

ޑީޖޭ އަކްބަރު ސާމީ -- ފޮޓޯ: ފޭސްބުކް

"މި ދާއިރާގައި އަހަރެންގެ ތަޖުރިބާ އަކީ 'ރޯލާ ކޯސްޓާ ރައިޑެއް.' މަސައްކަތުގެ ސަބަބުން ވަރަށް ގިނަ ދަތުރުތައް ކުރަންޖެހޭ. އިންޑިއާގައި މަޑުކުރެވެނީ ވަރަށް މަދުން. ބޮލީވުޑް އާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވެސްް ކުރެވިއްޖެ،" ކުރީގެ މަޝްހޫރު ތަރި ފަރީދާ ޖަލާލް އާ ވެސް އާއިލީ ގޮތުން ގާތް މިއުޒީޝަން ބުންޏެވެ.

އޭނާ ބުނީ ރާއްޖެ އާ ގުޅޭ ގޮތުން ހީކުރެވުނު ވަރަށް ވުރެ ވެސް ރާއްޖެ "ފުރިހަމަ" ކަމަށެވެ. "މޮރިޝަސް އަށް ދެވުނު، ހީކުރީ އެގޮތަށް ކަމަށް އޮންނާނީ. އެކަމަކު މިތަނަށް އާދެވުމުން ހައިރާންވި. ހާޢްސަކޮށް އަދާރަން ޕެރިސްޓީޖް ވާދޫ އަކީ ދުނިޔެއިން ވެސް ފާހަގަ ކުރެވޭ ވަރު ތަނެއް،" އަދާރަން ޕެރިސްޓީޖް އިން ލިބުނު މެހުމާން ދާރީ އަށް ތައުރީފު ކުރަމުން އަކްބަރު ސާމީ ބުންޏެވެ.

"ވަރަށް ބޮޑު ޝުކުރެއް އަދާކުރަން މި ރިސޯޓުގެ ހުރިހާ އެންމެންނަށް. މިހެން އުޅޭއިރު ވެސް ކޮންމެ މީހަކާ ދިމާވިޔަސް ހީލާ ވާހަކަ ދައްކާ ހަދާނެ. މިއީ އެހެން ތަނަކުން ފެންނަ ކަމެއް ނޫން. އެންމެ ހާއްސަކޮށް ޖީއެމް ސުރޭޝް އާއި މެނޭޖަރު އަދިއްތްޔާ. ރާއްޖެ އާދެވުނީ އަދިތްޔާގެ ސަބަބުން،"

"ދިވެހިންނަށް ރާއްޖެ އިން އެނބުރި ދާކަށް ބޭނުމެއް ނޫން. އެކަމަކު އެބަ ދާން ޖެހޭ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެނބުރި އަންނާނަން." ދިވެހިންގެ ހިތްހެޔޮކަން އިތުރަށް ފާހަގަ ކުރަމުން އަދިތްޔާ ބުންޏެވެ.