10 Dec 2017, 09:42
އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް) މުޅިން ނައްތާލައިފިކަމަށް އެގައުމުގެ އަސްކަރިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
އިރާގުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައި، ލެފްޓިނެންޓް ޖެނެރަލް އަބްދުލް އާމިރު ރަޝީދު ވިދާޅުވީ އިރާގާއި ސީރިއާ ގުޅޭ ބޯޑަރު އިރާގުގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމާ އެކު އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމަ ނިމިފައިވާ ކަމަށެވެ.
"އައިއެސްގެ އަށްދަށުން އިރާގުގެ ހުރިހާ ސަރަހައްދެއް މިހާރު މިވަނީ މިނިވަންވެފައި. އިރާގާއި ސީރިއާ ގުޅޭ ބައިނަލަގްވާމީ ބޯޑަރު މިހާރު ކޮންޓްރޯލް ކުރަނީ އިރާގުގެ ސިފައިން،" އަސްކަރިއްޔާ އިން ނެރުނު ބަޔާނުުގައި ބުންނެވެ.
އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވީ އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމަ ނިމިފައިވާ ކަމަށެވެ.
އިރާގުގައި އައިއެސް ޖަމާއަތް ބާރުގަދަ ކުރިި ދުވަސްވަރު އެގައުމުގެ ތިން ބައިކުޅަ އެއްބައި ކޮންޓްރޯލް ކުރަމުންދިޔައީ އެޖަމާއަތުންނެވެ. އޭރު އެގައުމުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ މޫސަލް ވެސް އޮތީ އެޖަމާއަތުގެ ބާރުގެ ދަށުގަ އެވެ.
ނަމަވެސް އިރާގުގެ ސިފައިން ފެށި ވަރުގަދަ އަސްކަރީ އޮޕަރޭޝަނާ އެކު އައިއެސް ޖަމާއަތުން ކޮންޓްރޯލް ކުރަމުން ދިޔަ ހިސާބުތައް ވަނީ އެގައުމުގެ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް މަޑުމަޑުން ގެނެސްފަ އެވެ.