ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ'ގައި އަންހެން ލީޑްގެ ރޯލު ކުޅުމަށް ދީޕިކާ ޕަދުކޯން ނެގުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ފިލްމްގެ ފިރިހެން ލީޑް ޝާހިދު ކަޕޫރު ބުނެފި އެވެ.

ޝާހިދު ބުނީ ފިލްމްގެ ކެރެކްޓާ އަކީ ވަރަށް އުނދަގޫ އަދި ވަރަށް ސަޅި ކެރެކްޓާއެއް ކަމަށާއި ދީޕިކާ ނޫން މީހަކު އޭގައި ހަރަކާތްތެރިވި ނަމަ އެ ރޯލް ކުޅެން ވަރަށް އުނދަގޫވީސް ކަމަށެވެ.

"ދީޕިކާ އަކީ މޮޅު އެކްޓްރަސްއެއް. އޭނާ އަކީ މިހާރު މުޅި ބޮޅިވުޑްގައި ވެސް އެންމެ ކުޅަދާނަ ބަތަލާ. ޕަދްމާވަތީގެ މަންޒަރުތަކަށް ދީޕިކާ އަކީ ހަމަ އެއްވަނަ. ފިލްމަށް އޭނާ ލުން އެއީ އެންމެ ޕާފެކްޓް ކަންތައް. ވަރަށް ސަޅިކޮށް ފިލްމްގެ ޝޫޓިންގްތައް ކުރިއަށް ދިޔައީ. ހީވެސް ނުވޭ އަދި އަލަށް ދެ މީހުން އެއްކޮށް ފިލްމް ކުޅުނުހެނެއް،" އޭނާ ބުންޏެވެ.

ޕަދްމާވަތީ' އާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދަނިކޮށް ފިލްމް އެޅުވުން ވަނީ ވަކި މުއްދަތެއް ނެތި ފަސްކޮށްފަ އެވެ. އެކަމުގެ ސަބަބުން ރަންވީރު އަދި ދީޕިކާ ވެސް ވަނީ އެހެން ފިލްމެއްގެ މަސައްކަތް ފަށައިަފ އެވެ.

ޝޫޓިން ފެށި ހިސާބުން ވެސް ފިލްމަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. ޑައިރެކްޓަރު ބަންސާލީ އަށް ހަމަލާ ދިނުމުގެ އިތުރުން ފިލްމުގެ ސެޓުތަކަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.

ފިލްމުގައި ޝާހިދު އަދި ދީޕިކާގެ އިތުރުން ހަރަކާތްތެރިވާނީ ރަންވީރް ސިންގް އެވެ.