10 Dec 2017, 09:28
ޕްރެޒިޑެންޓްސް ކަޕްގައި ސެމީ ފައިނަލުގައި ޕެނަލްޓި ޖަހައިގެން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކުރި އިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގދ. ތިނަދޫ ބަލިކޮށް މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި ނަތީޖާތަކާ އެކު ނިއު އަށް ފައިނަލުގެ ޖާގަ ކަށަވަރުވީ ނަމަވެސް ފައިނަލުގައި އަނެއް ކޮޅުން ވާދަ ކުރާނެ ޓީމެއް ޔަގީން ވެގެންދާނީ ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި ޓީސީ އާއި މާޒިޔާ ބައްދަކު ކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. މި މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 21:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގަ އެވެ.
އިއްޔެ ހަވީރު ހަވީރު ނިއު އާއި ޓީސީ ބައްދަލު ކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނިއު އިން ވަނީ 2-5ގެ ނަތީޖާއިން ޓީސީގެ މައްޗަށް ކުރިހޯދައިފަ އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ނިއު އެވެ. އެގޮތުން އެޓީމުން ވަނީ ޓީސީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ނިއުއިންނެވެ. މި ލަނޑު 15 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝާމިއު އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަސް ބޮލުން ކުރިޔަށް ފޮނުވާލައިގެންނެވެ.
ލަނޑަށް ފަހު ވެސް ނިއުއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ޓީސީން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މާޒިން އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. އެގޮތުން ނިއުގެ ސެންޓޭ، ދަގަނޑޭ، އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި އަކްރަމް އަބްލްގަނީ ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ.
ޓީސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އީސާ އަލް މަގްރަބީ އަދި ކުދުއިއްބެ އެވެ. އެހެންނަމަވެސް އިބްރާހިމް ވަހީދް ހަސަން އަދި މުހައްމަދު އައްޒާމް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފަ އެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ މާޒިޔާ އިން ވަނީ ތިނަދޫގެ މައްޗަށް 2-3 އިން ކުރި ހޯދައިފަ އެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ މާޒިޔާ އިންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މި ގޯލް ޖެހީ އަސްހަދު އަލީ (އަޑުބަރޭ) އެވެ.
ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ތިނަދޫން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަންސަރު އިބްރާހިމް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލަށް ވައްދާލީ އަހުމަދު ޒުބައިރު (ޒުއްބަ) އެވެ.
ތިނަދޫން ލީޑު ނެގީ 65 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަވީލާ ޖެހި ގޯލުންނެވެ. މިއީ އޭރިއާ ތެރެއިން އަޑުބަރޭގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އަހުމަދު އަމީޒް ދިން ޕެނަލްޓީއެކެވެ.
މާޒިޔާ އިން އެއްވަރު ކުރުމަށް ކުރި މަސައްކަތުން 85 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިއާ މުހައްމަދު ޝަޚާއު ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އިތުރު ވަގުތު ކުޅޭނެ ކަމުގެ އުންމީދުގައި ތިއްބާ މާޒިޔާގެ ޔަސްފާދު ހަބީބް (މުލަކޭ) ވަނީ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާ މޮޅުކޮށްދީފަ އެވެ.