މަގްބޫލު 'ރޭސް' ފްރެންޗައިޒްގެ ތިން ވަނަ އިންސްޓޯލްމަންޓް 'ރޭސް 3'ގެ ޝޫޓިންގް ފައްޓާފައިވާ ފިލްމްގެ ކާސްޓަށް އަނިލް ކަޕޫރު ގުޅިއްޖެ އެވެ.

'ރޭސް"ގެ ކުރީގެ ދެ ބައިން ވެސް އަނިލް ފެނިފައިވާ އިރު ކުރިން މި ބައިން އަނިލް ނުފެންނާނެ ކަމަށް ބުނި ކަމުގައި ވިޔަސް 'ރޭސް3' އިން އޭނާ ފެންނާނެ ކަމަށް ފިލްމްގެ މުހިއްމު ތަރި ސަލްމާންހާން ބުންޏެވެ.

މިއާ އެކު އަނިލް ވެގެން ގޮސްފައި ވަނީ މި ސިލްސިލާގެ ހުރިހާ ފިލްމެއްގައި ފެނިގެން ގޮސްފައިވާ ހަމަ އެކަނި ކެރެކްޓާ އަށެވެ.

ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ 'ރޭސް3'ގައި އަނިލް ކުޅޭ ގޮތަށް ހަމަޖެހިފައި ވަނީ ކުރީ ދެ ފިލްމުގައި ވެސް އޭނާ ކުޅުނު ރޯލެވެ. އެއީ ޕްރައިވެޓް ޑިޓެކްޓިވް ރޮބާޓް ޑިކޯސްޓާގެ ރޯލެވެ.

ފިލްމުގައި ސަލްމާން ފެނިގެންދާއިރު ފިލްމުގެ އަންހެން ލީޑަކީ ޖެކްލީން އެވެ.

ރަމޭޝް ޓޮރާނީ ޕްރޮޑިއުސް ކުރާ 'ރޭސް 3'ގައި ސަލްމާން އާއި ޖެކްލީންގެ އިތުރުން ދެން ފެނިގެން ދާނީ ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމް އެވެ.