ސިވިލްސާވިސްގެ މުސާރައިން އުނިކުރިބައި ދެވޭކަށް ނެތްކަމަށާއި އެ މައްސަލައިގާ ސަރުކާރުން ދެން ދާން ޖެހޭނީ ސްޕްރީމް ކޯޓަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީ އާއި ރާއްޖޭން އަނބުރާ ދޭންޖެހޭ އެއްޗަކަށް (ދަރަންޏަށް) ބަލާއިރު އެފައިސާ ނުދެވޭނެ ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"އެބައި ދެވޭކަށެއް ނެތް، ސަރުކާރުން ޖެހޭނީ ސްޕްރީމް ކޯޓަށް ދާން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްޕްރީމް ކޯޓުން އެ ފައިސާ ދޭން ޖެހޭނެ ކަމަށް ނިންމަވައިފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެގޮތަށް ނިންމަވައިފި ނަމަ ދެން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށައަޅައިގެން ފައިސާ އަލުން ޖަހަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގޮތަށް ކަންތައް ކޮށްފި ނަމަ ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގު އުފުލޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޯޓުން އެގޮތަށް ނިންމަވައިފިއްޔާ އަޅުގަނޑުމެން ދެން ދާނަން މަޖިލީހަށް، އެފައިސާ އިތުރުކޮށް ދެއްވާތޯ، ދެން ސަރުކާރުން ޖެހޭނީ އިތުރު ފައިސާ ޖަހަން، އޭރުން ފައިސާގެ އަގުވެއްޓި ތަކެތީގެ އަގު އަރައިގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ރައީސް ނަޝީދު ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅާ ބެހޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ސީޝެލްސްގެ ކަނޑުގެ ސަރަހައްދުގައި ދާއެޅުމަށް ބޭރުގެ ބޯޓް ފަހަރަށް ލައިސަންސްދޭ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޓަކައި ސީޝެލްސް މީހުންނަށް ދިވެހިން ކުރާ ފަދަ ދޮށީގެ މަސްވެރިކަން ތައާރަފް ކުރުމަށް ދެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ސީޝެލްސް މީހުން އެކަމަށް އަހުލުވެރިވާ ވަރަކުން ދާއެޅުމަށް ލައިސަންސް ދިނުން މަދުކުރުމަށް އެގައުމުން އެއްބަސް ވެފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.