ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ޕެނަލްޓީ ޖަހައިގެން މާޅެންދޫ ބަލިކޮށް، ސެމީ ފައިނަލުގެ ފަހު ޖާގަ ލަންދޫން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ކުއާޓާގެ ފަހު މެޗުގައި އަމިއްލަ ރަށުގައި ކުޅެމުންދިޔަ މާޅެންދުއާއި ލަންދޫ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ޕެނަލްޓީގައި މާޅެންދޫގެ މައްޗަށް ލަންދޫން ކުރި ހޯދީ، 3-2 ގެ ނަތީޖާއަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާޅެންދުއާއި ލަންދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މާޅެންދޫގެ އާރިފް އީސާއަށް މުބާރާތުގެ އެއް ބާނީ، މައުރޫފް އިނާމު ހަވާލުކޮށްދެއްވަނީ ---

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ލަންދޫގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަމާހާއި އަހްމަދު އަފްސަލް އަދި އަހްމަދު ރަޝީދެވެ. މާޅެންދޫގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މޫސާ އަހްމަދު އަދި މުހައްމަދު ޝަރީފެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުއެވެ. ލަންދޫގެ އިތުރުން ސެމީއަށް ދަތުރުކޮށްފައިވަނީ މިލަދުއާއި ވެލިދޫ އަދި އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާޅެންދުއާއި ލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ލަންދޫ ވަނީ ސެމީގެ ޖާގައެއް ހޯދާފައި ---

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މުބާރާތް ނިމިގެންދާނީ ފުޓްބޯޅަ ލެޖެންޑަކާއެކުއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެނެސްފައިވަނީ ބާސެލޯނާގެ ލެޖެންޑް ކާލްސް ޕުޔޯލްއެވެ. އަދި މިއަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ގެނައުމަށް ނިންމާފައިވަނީ ޗެލްސީގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާއެވެ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެއެވެ.