09 Dec 2017, 22:45
އިސްރާއީލުން ގަދަބާރުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައި ރ. ހުޅުދުއްފާރު ރައްޔިތުން އިހްތިޖާޖުކޮށްފިއެވެ.
ހުޅުއްދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ، އެރަށުގެ މުއައްސަސާތަކާއި، ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ އެ އިހުތިޖާޖްގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ކަމަށެވެ.
އެ ހިނގާލުމުގައި ވަނީ ފަލަސްތީނުގެ ދިދަ އާއި ޓްރަމްޕާ ދެކޮޅު ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތަކާއި ބެނާތައް ބޭނުންކޮށްފައެވެ.
"ހުޅުދުއްފާރު ރައްޔިތުން މިއަދު ގޮވާލީ ޓްރަމްޕުގެ ނިންމުން އަނބުރާ ގެންދިޔުމަށް. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް އެހެންކަމުން އަޅުގަނޑުމެން އެބަޖެހޭ އެ ނިންމުމާ އަޅުގަނޑުމެން ދެކޮޅުކަން ހާމަކުރަން އަޑުއުފުލަން،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޓްރަމްޕުގެ ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައި ހުޅުދުއްފާރު ރައްޔިތުން ކުރި އިހްތިޖާޖުގެ ތެރެއިން --- ފޮޓޯ/ ހުޅުދުއްފާރު ކައުންސިލް
ކައުންސިލްގެ ރައީސް ވިދާޅުވީ މުގައްދަސް ރަށެއް ކަމަށް ފަލަސްތީންގެ ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ޔަހޫދީންނަށް އަތްގަދަކުރެވޭ ފަދަ ނިންމުމެއް ޓްރަމްޕު ނިންމުމަކީ މަޑުން ހުރެގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އިހުތިޖާޖްގެ ބައިވެރިން ވަނީ ޓްރަމްޕުގެ ފޮޓޯގައި ރޯކޮށް، އެރަށުގެ ރައްޔިތުން އެ ނިންމުމާ ދެކޮޅުކަން ހާމަކޮށްފައެވެ.

ޓްރަމްޕުގެ ނިންމުމާ ދެކޮޅަށް ހުޅުދުއްފާރުގައި ކުރި އިހްތިޖާޖުގެ ތެރެއިން -- ފޮޓޯ/ ހުޅުދުއްފާރު ކައުންސިލް
މާތްވެގެންވާ މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ގުދުސް އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އެ ނިންމުން ދިވެހި ސަރުކާރުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޓްރަމްޕުގެ އެ ނިންމުން ފަލަސްތީނުގެ ފަތަހަ އަދި ހަމާސް ޖަމާއަތުންވެސް ވަނީ ކުއްވެރިކޮށްފައެވެ. އަދި އިސްލާމީ ގިނަ ގައުމުތަކުން އަންނަނީ އެ ނިންމުން ކުށްވެރިކުރަމުންނެވެ.