އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު މަރާލައި 25 މީހުން ޒަހަމްކޮށްފައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެ ރޭ ދިން އެ ހަމަލާގައި އުމުރުން ހަ މަހުގެ ކުޑަ ކުއްޖަކު ވެސް ޒަޚަމްވެފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ޑރ. އަޝްރަފް އަލް ގިދްރާ ވިދާޅުވީ މަރުވެފައިވާ ހަމާސް ޖަމާއަތަށް ނިސްބަތްވާ ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެ ދެ މީހުންގެ ނަމަކީ މުހައްމަދު އަލް އަތަލް އާއި މުހައްމަދު ސަފަދީ ކަމަށެވެ.

އިސްރާއިލުން ދިން ހަމަލާގެ ބަދަލުގައި ޣައްޒާއިން ފޮނުވާލި ތިން ރޮކެޓު ހަމަލާގެ ތެރެއިން އެއް ރޮކެޓު ވަނީ އެމެރިކާގެ އިން އިސްރާއީލުގައި ގާއިމް ކޮށްފައިވާ މިސައިލް ޑިފެންސް ސިސްޓަމުން ބްލޮކް ކޮށްލާފައެވެ. ދެވަނަ ރޮކެޓު އިސްރާއިލް ޓެރެޓަރީ އަށް ފޯރާފައިނުވެއެވެ. ތިން ރޮކެޓް ވަނީ ވައިގެ ތެރޭގައި ގޮވާފައެވެ. އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުންވެފައެއް ނުވެއެވެ.

އެމެރިކާއިން އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް ނިންމައި، އެ ގައުމުގެ އެމްބަސީ އެ ސިޓީއަށް ބަދަލުކުރަން ނިންމި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ޣައްޒާގައި ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ސަބަބުން އިސްރާއިލް ސިފައިން ދެމުން އައި ހަމަލާތަކުގައި މިހާތަނަށް 767 ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.