09 Dec 2017, 17:52
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ބޭރުގެ މަސްބޯޓެއް ހއ. އިހަވަންދޫން މަހަށްގޮށް އުޅުނު ބަޔަކަށް ފެނިއްޖެއެވެ.
ބޭރުގެ އެ މަސްބޯޓު ފެނިފައިވަނީ އިހަވަންދޫ ގޮމަ ނަމަކަށް ކިޔާ ދޯނީގައި މަހަށްނިކުމެ އުޅުނު ބަޔަކަށް މިދިޔަ ބުދަދުވަހުގައެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުނީ މިއަދު ކަމަށާއި މިހާރު އެ ބޯޓު ވަނީ އިހަވަންދުއަށް ގެންގޮސްފައި ކަމަށެވެ.
އެދޯނީގެ ވެރިޔާ އިބްރާހީމް ހަލީލް "ސަން" އަށް ކިޔައިދިންގޮތުގައި އެ ބޯޓު ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު "އިންނަ ފިނޮޅޫ" ކައިރިން ބަންޑުން ޖަހާލައިފައި އޮއްވައެވެ.
ގޮމަ ދޯނީގެ މަސްވެރިން އެ ބޯޓު އިހަވަންދުއަށް ގެނެސްފައިވަނީ ކަފުޖަހައިގެން އިއްޔެގެ ވަގުތެއްގައި ކަމަށް އޭނާ ބުންޏެވެ.
ލަފާކުރެވޭގޮތުގައި އެބޯޓަކީ ސްރީލަންކާ ހިސާބުގައި މަހަށް ނިކުމެ އުޅޭ ޒާތުގެ މަސް ބޯޓެއް ކަމަށް އޭނާ ބުންޏެވެ.
"އެ ބޯޓު ބެލިއިރު، އޭގައި މަސް ބާނަނަން ގެންގުޅޭ ސާމާނުވެސް ހުރި،" ޚަލީލް ކިޔައިދިނެވެ.
ރާއްޖޭގެ އުތުރާއި ހުޅަނގު އުތުރުން ސްރީލަންކާގެ 30 މަސްބޯޓެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފް އިން ވަނީ އިލުތިމާސްކޮށްފައެވެ.