ހުޅުމާލޭގައި ސައިކަލަކާއި ލޮރީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެ، ދެ ވަނަ މީހެއްގެ މައިބަދަ ބިނދިއްޖެ އެވެ.

އެކަން ވަނީ ފުލުހުން ވެސް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ ތ. ގުރައިދޫ، ބާޑީގެ އަހުމަދު ނަސީރު 41، ކަމަށެވެ.

ސަން އަށް ލިބިފައި ހުރި ފޮޓޯއިން ފެންނަ ގޮތުގައި ނަސީރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި ވަނީ ނުކުމެފަ އެވެ. އަދި ޗިސް ވެފައި އޮތް ސިކުނޑީގެ ބައެއް ލޮރީގެ ފުރޮޅު ދަށުގައި ވެސް އޮތެވެ. ނާސިރުގެ ބޮލުން ދެ ކޯރަށް ވާ ގޮތަށް ގިނަ އަނދަދެއްގެ ލޭފަބުން ދިޔައިރު އޭނާ ދުއްވި ސައިކަލު އޮތީ ފައިމަތީގަ އެވެ.

އެ ހާދިސާގައި މައިބަދަ ބިނދުނު މީހާގެ މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި މައިބަދަ ބިނދި މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަނީ މއ. ކާމިނީގޭ ހުޅަނގުބައި މުހައްމަދު ޝަރަތު 42، އެވެ.

އެކްސިޑެންޓްގެ މަންޒަރުދުށް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓް ހިނގީ އެޗްޑީސީގެ ކުނި ލޮރީ އާ ސައިކަލް ޖެހިގެންނެވެ. އަދި ލޮރީ ވަނީ ސައިކަލްގައި ޖެހި ސައިކަލް ދުއްވަން އިން ނާސިރުގެ މަތިން ގޮސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވަން އިން ނާސިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.