23 May 2010, 05:36
10:00
މަތީ ސާނަވީގައި ދިވެއްސާއި އިސްލާމް، އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގިނަ އަދަދެއްގެ ބަޔަކު އެޑިއުކޭޝަން މިނިސްޓަރުގެ ގޭދޮށަށް އެއްވެ އެމަނިކުފާނުގެ އިސްތިޢުފާ އަށް ގޮވައި ރޭ ވެސް މުޒާހަރާކޮށްފި އެވެ.
މަތީ ސާނަވީގައި ދިވެއްސާއި އިސްލާމް މި ދެ ބާއްދާ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ނިންމުމާ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ދަށުން ރޭ ވެސް އެޑިއުކޭޝަން މިނިސްޓަރުގެ ގެ މއ. ވިކްޓަރީ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބޯޑުތައް ހިފައިގެން އެއްވެ، އެކަމާ ދެކޮޅަށް އަޑު އުފުލާ އެމަނިކުފާނުގެ އިސްތިޢުފާއަށް ގޮވައިފަ އެވެ. އެގޭ ކައިރިއަށް އެއްވި މީހުން ވަނީ އިސްލާމީ ތައުލީމާއި ދިވެހި ބަސް މިރާއްޖޭން ފޮހެލުމަށް މަސައްކަތް ނުކުރުމަށް ގޮވައިލައި އަޑު އުފުލާފަ އެވެ. ރޭގެ އެ މުޒާހަރާގެ ބައިވެރިން މުޒާހަރާ ރޫޅާލުމަށް ފަހު އެގޭ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ ގާތްގަނޑަކަށް 10:30 ކަންހާއިރެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ގޭދޮށަށް އެއްވެ މުޒާހަރާ ކުރަމުންދިޔަ މީހުން ކޮންޓްރޯލް ކުރުމަށް ރޭ ވެސް ފުލުހުން އެޑިއުކޭޝަން މިނިސްޓަރުގެ ގޭ ކައިރީގައި ހަރަކާތްތެރިވެފައިވެ އެވެ.