ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ދުއާ ކުރަން ހުއްޓައި އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބައްޕަ މުހައްމަދު ހައްސާނު ޝަރުތުތަކަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ބަންދާ މެދު ގޮތެއް ނިންމަން މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލަން ކުރި ޝަރުތުތަކުގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުން ހިމެނެއެވެ. ދެން ކުރީ ކޮން ޝަރުތުތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މަހުލޫފުގެ ބައްޕަގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ތުހުމަތު ވެސް ހިމެނެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތުހުމަތު ކުރެވުނީ ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން އޮޅުމަކުން ކަމަށެވެ.

ފުލުހުން ކުރާ ތުހުމަތުތައް

  • ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން.

  • ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން.
  • ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަ ނެތި ހިންގުމާއި، ލައިސަންސް ނެތި އިމްޕޯޓް ކުރުމާއި، ހުއްދަ ނަގަން ޖެހެ ކަމެއް ހުއްދަ ނުނަގައި ކުރުން.
  • އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުން.
  • އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހިންގުން.

އެ ހުރިހާ ތުހުމަތެއްވެސް ހައްސާނުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ބަދު ދުއާ ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައްސާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް ހައްސާނު ބުނެފައިވަނީ އޭނާ ބަދު ދުއާ ކޮށްފައިނުވާނެ ކަމަށެވެ.