އިންޑިއާގެ ރާޖިސްތާނުގައި މީގެ ދެ ދުވަސް ކުރިން މުސްލިމަކު އަންދާލި ހާދިސާއަށް ފަހު، އެގައުމުގެ އުއްތަރުޕްރަދޭޝްގެ މިސްކިތެއްގެ އިމާމަކު އަންދާލަން އުޅެފިއެވެ.

އުއްތަރު ޕްރަދޭޝްގެ ޖަތަރީ އަވަށުގައި ހިނގި އެ ހާދިސާގައި ކާކުކަންނޭނގެ ބަޔަކު ވަނީ މިސްކިތުގެ އިމާމް މުހައްމަދު ސަބީބް ރަޒާ އިންނަވާ ކޮޓަރިކޮޅުގެ ތެރެއަށް ޕެޓްރޯލް އެޅުމަށްފަހު ބޭރު ދޮރު ތަޅުލައި، ކުޑަދޮރުން ބޭރުން އަލިފާންރޯކޮށްފައިވާ ދަނޑިއެއް ކޮޓަރިތެރެއަށް އެއްލުމަށްފަހު އިމާމުގެ ގައިގައި ރޯކޮށްލުމަށް މަސައްކަތްކޮށްފައެވެ.

ނަމަވެސް އިމާމު އޭނާގެ މޮބައިލް ފޯނުން އެ ސަރަހައްދުގައި އުޅުނު މީހުންނަށް ގުޅުމުން އެމީހުން ގޮސް ވަނީ އޭނާ ސަލާމަތްކޮށްފައެވެ.

އިމާމުގެ ކޮޓަރީގައި ހުރި ގިނަ ތަކެތި ވަނީ އެ ހާދިސާގައި އަނދައިފައެވެ.

އިމާމެއެއްގެ ގޮތުގައި ރަޒާ އެ މިސްކިތުގައި މަސައްކަތްކުރާތާ ވަނީ އެއް އަހަރުވެފައެވެ. އިމާމު ވިދާޅުވީ އޭނާއާ އެއްވެސް މީހަކާ ދެބަސްވުމެއް މިހާތަނަށް އުފެދިފައިނުވާ ކަަމަށެވެ.

މީގެ ދެދުވަސް ކުރިން ހިންދޫންގެ މީހަކު މުސްލިމަކު އަންދާލައިފައިވަނީ އޭނާ "ލޯބީގެ ޖިހާދު" ކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ހަރުކަށި ހިންދޫން ދެކޭ ގޮތުގައި އިންޑިއާގެ މުސްލިމު ފިރިހެނުން "ލޯބީގެ ޖިހާދު" ކޮށްގެން ދަނީ ހިންދޫ އަންހެނުންނާ ރައްޓެހިވެ އެމީހުން އިސްލާމްދީނަށް ވައްދައި ކައިވެނިކުރަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ވަޑައިގެންފަހުން އެގައުމުގެ މުސްލިމުންނާއި ހިންދުންނާ ދެމެދު ދަނީ މިއިން ޒަމާނެއްގައިވެސް ފެނިފައިނުވާފަދަ ބޯޑެތި ހަަމަނުޖެހުންތައް ހިނގަމުންނެވެ.

މޯދީ އަކީ ކުރިން އިންޑިއާގެ ހަރުކަށި ހިންދޫންގެ ޖަމާއަތެއް ކަމަށްވާ ރަޝްތުރިޔާ ސުވަޔަމްސެވަކް ސަންގް (އާރުއެސްއެސް) އަށް ނިސްބަތްވަޑައިގެންނެވި ބޭފުޅެކެެވެ.