އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމުން އެމެރިކާގައި ދިރިއުޅޭ އެތަކެއް މުސްލިމުންނެއް އެގައުމުގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ކުރިމަތީގައި ނަމާދުކޮށްފިއެވެ.

އެމެރިކާގެ މުސްލިމު ޖަމާއަތްތަކުން އިސްނަގައިގެން ނަމާދުކޮށްފައިވަނީ ވައިޓްހައުސްގެ ކުރިމަތީގައި އޮތް ޕާކެއްގައެވެ.

ފަަލަސްތީނުގެ ދިދައިގެ ކުލަތަކުން ތައްޔާރުކޮށްފައިވާ ބެނާތައް އަޅައިގެން ތިބި މުސްލިމު އެކްޓިވިސްޓުން ވަނީ އިސްރާއިލުން ފަަލަސްތީނުގެ ބިންތައް އަޅުވެތިކޮށްފައިވާތީ އެކަން ވަރަށް ބޮޑަށް ކުއްވެރިކޮށްފައެެވެ.

އެ މުޒާހަރާގައި ބައިވެރިވި ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްގެ އެކްޒެކްޓިވް ޑައިރެކްޓަރު ނިހާދު އަވާދު އޭއެފްޕީއަށް ވިދާޅުވީ ގުދުސްއަކީ ޓްރަމްޕްގެ އަމިއްލަ މިލްކެއް ނޫން ކަމަށެވެ.

ޓްރަމްޕް އެމެރިކާއަށް ފައިދާކުރާ ކަންތައްތަކަށް އިސްކަންދިނުމަށާއި އިސްރާއިލުގެ މަސްލަހަތު ހިމާޔަށް ކުރުމަށް ލޮބީކުރާ ޖަމާއަތްތަކަށް ދީލާނުލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

"ގުދުސް އަދި ފަލަސްތީނަކީ ޓްރަމްޕްގެ އަމިއްލަ މިލްކެއް ނޫން. ޓްރަމްޕް ޓަވަރު އެއީ އޭނާގެ މިލްކެއް. އެތަން އިސްރާއިލަށް ދޭން ޓްރަމްޕް ބޭނުމިއްޔާ ދިނީމަ ނިނުނީނު،" ނިހާދު ވިދާޅުވިއެވެ.

އިސްރާއިލުން ގުދުސް ހިފީ 1967 ގައި ކުރި ހަ ދުވަހުގެ ހަނގުރާމައިގައެވެ. އޭގެ ފަހުން ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސިނަމަވެސް ބައިނަލަގްވާމީ ދުނިޔެއިން އެކަން ބަލައިގެންފައެއް ނުވެއެވެ.

އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް އެމެރިކާއިން ބަލައިގަތީ ބުދަ ދުވަހުއެވެ. މީގެ ކުރިން އެމެރިކާގެ ހުރިހާ ރައީސުން ވެސް ވަނީ ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމާ ދެކޮޅު ހައްދަވައިފައެވެ.

ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު އެ ނިންމުން ނިންމެވީ ފަލަސްތީނާ އިސްރާއިލާ ދެމެދު ސުލްހަ ގެނެވޭނެ އެންމެ ރަނގަޅުގޮތް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ޓްރަމްޕްގެ ނިންމެވުން ފަލަސްތީނުގެ ފަތަހަ އަދި ހަމާސް ޖަމާއަތުންވެސް ވަނީ ކުއްވެރިކޮށްފައެވެ. ހަމަ އެހެންމެ ހުޅަނގުގެ ގިނަ ލީޑަރުން ވެސް ވަނީ ޓްރަމްޕްގެ ނިންމުމާ ދެކޮޅުހަދައިފައެވެ.