ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރަހުނުގެ ބިލް ޑްރާފްޓްކޮށްފައި ވަނީ ގާނޫނު އަސާސީއާ ފުށުއަރާ ގޮތަށް ކަމަށާއި އެ ބިލު ބައްޓަންކޮށްފައި ވަނީ ވާދަވެރި ސިޔާސީ ފަރާތްތަކުގެ މިލްކިއްޔާތު ނެގޭ ގޮތަށް ކަމަށް ވިދާޅުވެ ބިލު އަނބުރާ ގެންދިއުމަށް ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިހަވަންދޫ ދާއިރާގެ އަހްމަދު އަބުދުﷲ ހުށަހެޅުއްވި އެ ބިލަށް ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެ ބިލު ޑްރާފްޓްކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި ޝަރީއަތް މެދުވެރި ނުކޮށް އެއްފަރާތަކުން ބޭނުން ވީމަ މީސްމީހުންގެ މުދަލާއި މިލްކިއްޔާތު ނެގޭ ގޮތަށް އެ ބިލު ޑްރާފްޓް ކޮށްފައިވާތީ ދެކޮޅު ހައްދަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ރަހުނުގެ ގޮތުގައި އެއްޗެއް ބަހައްޓައިފި ނަމަ ފައިސާ ދިނުމުގައި ބޭންކްތަކަށް އިހްތިޔާރީ ހާލަތްތަކެއް ބިލުން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބިލަކީ މި އޮތްގޮތަށް ފާސްކުރަން ހެޔޮވާވަރުގެ ބިލެއްނޫން. ބިލުގައި ރަނގަޅު ކަންތަކަށް ވުރެ ގިނައީ ނުބައި ކަންތައްތައް. މި ބިލު ފާސްވެއްޖެ ނަމަ އަޅުގަނޑުމެންގެ އެއްޗިހިތައް ބޭންކުތައް ބޭނުންވާ ގޮތަށް ނަގައި ހުސްކުރަމުން ދާނީ. އެތައް ރައްޔިތުންނެއް ބިކަވެގެންދާނީ. އެ ރައްޔިތުން ސަލާމަތްކުރަން ޖެހޭނެ. މި ބިލު އަނބުރާ ގެންދަވައި ރީ ޑްރާފްޓް ކުރުމަށް އަޅުގަނޑު އެދެން،" ގާސިމް ވިދާޅުވި އެވެ.

ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދު ވިދާޅުވީ، ރަހުނުގެ ބިލް ޑްރާފްޓްކޮށްފައި ވަނީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާއާ ތައާރަޒްވާ ގޮތަށް ކަމަށާއި އެހެންކަމާ އެކު އެ ބިލަށް ތާއީދު ނުކުރައްވާ ކަމަށެވެ.

"ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބުނަނީ ޝަރުއީ ކޯޓަކުން ކުރާ ހުލުމަކުން ނޫން ގޮތަކަށް މީހެއްގެ މުދާ ނުނެގޭނެ ކަމަށް. އަދި ގާނޫނު އަސާސީ އިސްލާހް ނުކޮށް، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ އެއްވެސް ހައްގެއް އުންޏެއް ނުކުރެވޭނެ. މި ބިލުގައިވާ ގޮތުން ޝަރުއީ މަރުހަލާ ފުރިހަމަނުކޮށް ބޭންކުގައި ރަހުނުކޮށްފައިވާ މުދަލެއް ވިއްކުމުގެ ބާރު ބޭންކަށް ލިބިގެންވޭ. މިއީ ސިޔާސީ ހަމަލާއެއްގެ ރަނގަބީލު،" އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަހުނުގެ ބިލަކީ ބޭނުންތެރި ބިލެއް ކަމަށެވެ. ނަމަވެސް އެފަދަ ގާނޫނެއް އޮންނަން ވާނީ ނާޖާއިޒު ފައިދާ ނެގޭ ތަށްނޫން ކަމަށެވެ. އަދި އެކަން އޮންނަން ޖެހޭނި ޝަރުއީ މަރުހަލާތައް ފަހަނަޅައި ބޭންކުގައި ތިބޭ ބަޔަކަށް ފެނިއްޖެ ހާލަތެއްގައި ބައެއްގެ މުދާ ނީލަންކިޔޭ ގޮތަކަށް ނޫން ކަމަށާއި ވަކި ސިޔާސީ ފިކުރެއްގެ ބަޔަކަށް ވުމުން އެ މީސް މީހުންގެ މުދާ ސަރުކާރަށް ނެގި އެމީހާ މަގުމަތިވާ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ރިޔާޒު ރަޝީދު ވިދާޅުވީ، އެ ބިލަކީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބާއި އަދުލު އިންސަފު ގާއިމް ކުރުމުގެ ބާބާ ވެސް ހިލާފް ބިލެއް ކަމަށެވެ. އަދި އެ ބިލަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ސަރުކާރާ ހިޔާލުތަފާތުވާ ފަރާތްތަކެއްގެ ދިރިއުޅުން ފުނޑާލުމުގެ މަކަރުވެރި ރޭވުމުގެ ދަށުން ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެ ބިލު ހުށަހަޅުއްވަމުން އިހަވަންދޫ ދާއިރާގެ އަހްމަދު އަބުދުﷲ ވިދާޅުވީ، އެފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ރާއްޖޭގައި މުދާ ރަހުނު ކުރެވޭ އުސޫލުތައް ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑެއް އެކުލަވާލައި ނު އުފުލޭ މުދަލާއި އުފުލޭ މުދާ ރަހުނު ކުރެވޭނެ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އަދި ރަޖިސްޓްރާ އޮފް މޯގޭޖާސްއެއް މެދުވެރިކޮށް ރަހުނު ރަޖިސްޓްރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ރަހުނު ތަންފީޒު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ކޯޓުން ބޭރުގައި ރަހުނު ތަންފީޒު ކުރެވޭނެ ފުރުސަތު ލިބިދިނުމަށާއި ރަހުނު ވިއްކާ ލުމުގެ މަސައްކަތް ކުރުމަށް ހާއްސަ ކުރެވޭ ބަޔަކު އައްޔަން ކުރުމުގެ ފުރުސަތު ހުޅުވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.