09 Dec 2017, 14:07
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބައްޕަ މުހައްމަދު ހައްސާނުގެ މައްޗަށް ޖިންސީ މުއާމަލާތް ހިންގަން އެދުމުގެ ތުހުމަތު ކުރެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހުއްޓައި ހައްސާނު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ފޯމުގެ ފަސް ކުށެއްގެ ތުހުމަތު ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ޖިންސީ މުއާމަލާތް ހިންގަން އެދުންވެސް ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހައްސާނުގެ މައްޗަށް ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ތުހުމަތު ކުރެވުނީ ސިސްޓަމަށް ދިމާވި މައްސަލައަކުން އޮޅިގެން ކަމަށެވެ.
" ސިއްޓަމަށް ދިމާވި މައްސަލައެއް އެއީ. އެކަން ރަނގަޅު ކުރަމުން މިދަނީ،" ފުލުހުން ބުންޏެވެ.
ތުހުމަތު ކުރެވޭ ކުށްތައް
- ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން.
- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން.
- ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަ ނެތި ހިންގުމާއި، ލައިސަންސް ނެތި އިމްޕޯޓް ކުރުމާއި، ހުއްދަ ނަގަން ޖެހެ ކަމެއް ހުއްދަ ނުނަގައި ކުރުން.
- އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުން.
- އާންމުތަނެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުން.
- އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހިންގުން.
އެ ހުރިހާ ތުހުމަތެއްވެސް ހައްސާނުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
އިސްލާމި މަރުކަޒުގައި ބަދު ދުއާ ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައްސާނާ ސުވާލުކޮށްފައެވެ. ނަމަވެސް ހައްސާނު ބުނެފައިވަނީ އޭނާ ބަދު ދުއާ ކޮށްފައިނުވާނެ ކަމަށެވެ.