ރާމަﷲ(ޑިސެމްބަރު 9): އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށާއި ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމުގައި ގަބޫލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވި ނިންމެވުން އަނބުރައި ނުގެންދަނީ އެމެރިކާއާ ވާހަކަ ނުދައްކާނެކަމަށް ފަލަސްތީނުން ބުނެފިއެވެ.

ޕަލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ އަމީން އާންމު އަދި ފަލަސްތީން ސަރުކާރުގެ ޗީފް ނެގޯޝިއޭޓަރ ޑރ. ސާއިބު އުރައިގާތު ވިދާޅުވީ، ޓްރަމްޕްގެ ނިންމުން ބަދަލުނުކުރަނީސް އެމެރިކާގެ މަސްއޫލުވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަކީ ޓްރަމްޕްގެ ނިންމުމަށް ފަލަސްތީނުން ތާއީދު ކުރުންކަމަށް ބެލެވޭނެތީ އެމެރިކާގެ އެއްވެސް މަސްއޫލުވެރިއަކާ ބައްދަލުނުކުރަން ފަލަސްތީނުން ނިންމާފައިވާ ކަމުގައެވެ. އަދި ޓްރަމްޕްގެ ޣައިރު ގާނޫނީ ނިންމުމަށް ރައްދު ދިނުމުގެ ހުރިހާ އިޚްތިޔާރު ތަކެއް ފަލަސްތީނުގެ ކުރިމަތީގައި ހުޅުވާލެވިފައިވާ ކަމަށާއި މީގެތެރޭގައި އެމެރިކާއާ މުޢާމަލާތް ނުކުރުމަށް ނިންމުމުގެ އިތުރުން އިސްރާއީލަކީ ދައުލަތެއްކަމަށް ގަބޫލުނުކުރުންވެސް ހިމެނޭ ކަމަށް އުރައިގާތު ވިދާޅުވިއެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މިމަހުގެ ނަވާރަ ދުވަހު މެދުއިރުމައްޗަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ފަލަސްތީނަށް ޒިޔާރަތް ކުރައްވާގޮތަށް ރާއްވަވާފައިވާއިރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ ޕެންސް އާ ބައްދަލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕެންސް ފަލަސްތީނަށް ޒިޔާރަތް ކުރުމަށް ފަލަސްތީނުން މަރްހަބާ ނުކިޔާނެކަންވެސް ފަލަސްތީނު ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިމައްސަލައިގައި ވައިޓް ހައުސް އިންވަނީ ރުޅިއައިސް ފަލަސްތީނުގެ ނިންމުމުގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު ދީފައެވެ. މިއިންޒާރަށް ރައްދުދެމުން ފަލަސްތީނުން ވަނީ އެމެރިކާގެ ފަރާތުން ރަނގަޅު ނަތީޖާއެއް އަތުވެދާނެކަމަށް އެއްއިރަކުވެސް އިންތިޒާރު ކޮށްފައިނުވާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސަކީ ފަލަސްތީނުގެ މުޅި ބިމަކީ މާތް ﷲ ޔަހޫދީންނަށް ހިބައިން ދެއްވާފައިވާ ބިމެއްކަމަށް ބުނާ ނަސާރާ ޚުރާފާތުތައް (ފުލޯކު ވާހަކަތައް) ގަބޫލުކުރައްވާ އިންޖީލީ ފިކުރުގެ ނަސާރާއެކެވެ. އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށާއި ގުދްސަކީ އިސްރާއީލުގެ ވެރިރަށްކަމުގައި ގަބޫލުކުރުމަށް ޓްރަމްޕް ނިންމެވި ނުރައްކާތެރި ޣައިރު ގާނޫނީ ނިންމެވުމުގެ ފަހަތުގައި ހުންނެވީ ޕެންސްކަމަށް ވެއެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމަށް އިސްރާއީލު ނިންމާ ޣައިރު ގާނޫނީ ނިންމުންތަށް އެމެރިކާއިން ގަބޫލުކޮށް އެމެރިކާ އިސްރާއީލުގެ ކޮޅަށް ފާޅުގައިޖެހިފައިވާތީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެބައި އަދާކުރުމުގެ ފުރްސަތު އެމެރިކާއަށް ގެއްލިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާ މެދުވެރިއެއްގެބައި އަދާކޮށްގެން އިސްރާއީލާއެކު ފަލަސްތީނުން ދެއްކި ސުލްހައިގެ ވާހަކަތައް އަށާރަ އަހަރަށް ދިގުދެމިގެން ދިޔައިރުވެސް އެވާހަކަތަކަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް އޮތް ކުޑަބިންކޮޅުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ހިންގާ ޔަހޫދީ އާބާދީތަކުގެ މަޝްރޫޢު ހުއްޓުވުމަށްވެސް އެމެރިކާއިން އެއްވެސް މަސައްކަތެއް ކޮށްދީފައެއް ނުވެއެވެ.

މީގެބަދަލުގައި އެމެރިކާކޮށްފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި އިސްރާއީލާ ދެކޮޅަށް ފާސްކުރަން މަސައްކަތްކުރާ ގަރާރުތައް ވީޓޯކޮށް ބައިނަލްއަގްވާމީ އަދަބުތަކުންނާއި ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްރާއީލު ސަލާމަތްކޮށްދީ ހިމާޔަތް ކުރުމުގެ މަސައްކަތްތަކާއި އިސްރާއީލުގެ އަނިޔާވެރި އިސްތިއުމާރީ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާއާއި ހަތިޔާރާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކެވެ. (ނޫސްއެޖެންސީތައް)