09 Dec 2017, 09:55
ކޮރަޕްޝަނާ ދެކޮޅަށް ހާއްސަ ފިޔަވަޅުތަކެއް މިހާރު އަޅަމުންގެންދަވާ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު، އިޓަލީގެ މަޝްހޫރު ގަދީމީ އާޓިސްޓު ލިއަނާޑޯ ޑާވިންޗީގެ ތަސްވީރެއް 450 މިލިއަން ޑޮލަރަށް ބައްލަވައިގެންފިކަމަށް ވޯލް ސްްޓްރީޓް ޖާނަލް އިން ބުނެފިއެވެ.
އާޓަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ މުހައްމަދު އެ ތަސްވީރު ބައްލަވައިގަތީ އެހެން މީހަކު މެދުވެރިވެގެން ކަމަށް ވޯލް ސްޓްރީޓުން ބުނެއެވެ. މުހައްމަދު އެފަދަ ބޮޑު އަގެއްގައި ތަސްވީރު ބައްލަވައިގެންނެވީ، ކޮރަޕްޝަނާ ދެކޮޅަށް މިހާރު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ދަށުން ސައުދީގެ އެތަކެއް ޕްރިންސުންނާއި ވިޔަފާރިވެރިންގެ މުދާ ދައުލަތައް ނަގައިފައިވާ ދަނޑިވަޅެއްގައެވެ.
ސައުދީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު އަލް ތުވައިރުޖީ ވިދާޅުވީ ސައުދީގައި ކޮރަޕްޝަނުގެ ސަބަބުން އަހަރަކު 20 ބިލިއަން ޑޮލަރު ގެއްލޭ ކަމަށާއި، އެއާބަލާއިރު ތަސްވީރު ބައްލަވައިގަންނަވަން މުހައްމަދު ހޭދަކުރެއްވީ ކުޑަކުޑައެއްޗެއް ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަަލްމާން އާލް ސައުދު އިސްނަންގަވައިގެން އުފެއްދެވި ކޮމެޓީން 320 މީހުންނާ މުޅިއެކު ސުވާލުކޮށްފައިވާއިރު އޭގެތެރޭން 159 މީހުން ސައުދީން ހައްޔަރުކުރިއެވެ.
މުހައްމަދު ބިން ސަލްމާން ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތްތަކަކީ ވެރިކަމުގެ ދަހިވެތިކަމުގައި ފެއްޓެވި ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ދަނީ އަމާޒުވަމުންނެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު އަލް ތުވައިރުޖީ ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
" ވަލީއަހުދު އެފަދައިން އަމަލުކުރެއްވުމުގެ ބޭނުމަކީ ކޮބާ؟ ސައުދީގެ ތާރީހުގައިވެސް މުހައްމަދު ފަދަ މަގުބޫލު ވެރިޔެއް ފެނިފައެއް ނެތް،" އަލް ތުވައިރުޖީ ވިދާޅުވިއެވެ.