09 Dec 2017, 00:34
ބުދަދުވަހުން ފެށިގެން އެމެރިކާގެ ކެލިފޯނިއާގައި އަަދަމުންދާ އަލިފާންގަނޑުގެ ސަބަބުން އެތަކެއް އަސްތަކެއް އަނދައިފިއެވެ.
ކެލިފޯނިއާގެ ސެން ފެނާންޑޯ ސަރަހައްދުގެ އަސް ރޭންޗެއްގެ ވެރިޔާ ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން 29 އަސް އަނދައި އަޅިއަށް ވެފައިވާ ކަމަށެވެ.
އިއްޔެ ވެސް ވަނީ އަސްރޭހަށް ތަމްރީންކުރާ ސެންޓަރެއްގައި އަލިފާން ރޯވެފައެވެ. އެ ހާދިސާގައި ބައެއް އަސްތައް ސަލާމަތްވިޔަސް ގިނަ އަސްތައް ވަނީ މަރުވެފައެވެ.

އަލިފާނުގެ ކެލެފޯނިއާގެ އަސްތައް އަނދާފައި--
އަސްރޭހަށް މީހުން ތަމްރީނުކުރާ ކެލިފޯނިއާގެ ސެން ލުއިސް ރޭ ޑައުންސް ޓްރެއިނިންގ ފެސިލިޓީއާ ހިސާބަށް އަލިފާންގަނޑު މިހާރު ވަނީ ފެތުރުފައެވެ. އެތަނުގައި މިހާރު ތިބި 450 އަސް އެތަނުގައި ތާށިވެ މަރުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
އެ ތަނުގެ އަސް ޓެރެއިނަރެއް ކަމަށްވާ ސްކޮޓް ހެންސަން ބުނީ އަލިފާނުގައި 30 އަސް މަރުވެފައިވާ ކަމަށެވެ.
އަލިފާނުގައި މަރުވީ އަސްތަކުގެ ޖުމްލަ އަދަދު މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް އިއްޔެ ކެލިފޯނިއާގެ ލޮސް އަލަމީޓޯ ސަރަހައްދުގައި ބާއްވަން ހަަމޖެހިފައޮތް ހުރިހާ އަސްރޭސްތައް ވަނީ ކެންސަލްކޮށްފައެވެ.

ކެލިފޯނިއާގައި އަނދަމުންދާ އަލިފާންގަނޑު: އޮފިޝަލުން ވިދާޅުވީ މިހާރު ޖެހެމުންދާ ގަދަވައިގެ ސަބަަބުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އިތުރު ދެ ހަފުތާ ނަގާނެކަމަށް --- ފޮޓޯ: އޭޕީ
އަލިފާންގަނޑު އިތުރަށް ފެތުރެމުންދާއިރު، ކެލެފޯނިއާގެ ވެންޓޫރާ ސަރަހައްދުގައި އަލިފާންނިއްވާ މީހުން ދަނީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ކެނޑިނޭޅި މަސައްކަަތްކުރަމުންނެވެ. ފެތުރެމުންދާ އަލިފާނުގެ ސަބަބުން އެ ސަރަހައްދުން 430 އިމާރާތް ވަނީ އަނދައިފައެވެ.
އަލިފާނުގެ އަސަރުކުރި ގިނަ ގެތަކުގެ މީހުން މިހާރު ދަނީ ސްކޫލުތަކާއި ކެސީނޯތަކުގައި ހިޔާވަހިކަން ހޯދަމުންނެެވެ.
އަލިފާންނިއްވާ އޮފިޝަލުން ވިދާޅުވީ މިހާރު ޖެހެމުންދާ ގަދަވައިގެ ސަބަަބުން އަލިފާންގަނަޑު ކޮންޓްރޯލް ކުރުމަށް އިތުރު ދެ ހަފުތާ ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.