ދިވެހި މިއުޒިކް އިންޑަސްޓްރީގައި މިއަދު އެންމެ ވިދާ އެއް ބޭންޑަކީ ޑިޓިއުން ކަމާ މެދު ޝައްކެއްނެތެވެ.

އެންމެ މަޝްހޫރު، ބެލުންތެރިންގެ ލޯތްބާއި މަގްބޫލްކަން ހޯދާފައިވާ ޑިޓިއުންއަކީ މިއަދު ގިނަ ޒުވާނުންގެ 'ފޭވަރިޓް' ބޭންޑެވެ.

އަބަދުވެސް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ އެ ބޭންޑް މިވަނީ ދާދި ފަހުން ވެސް ވަރަށް ތަފާތު ފުރިހަމަ މަސައްކަތެއް ކޮށްފައެވެ.

"ކޯންޗެއްބާ" އަކީ އޯކޭޒް އާ ގުޅިގެން ޑިޓިއުންއިން ހިންގި އެންމެ ސަޅި އެއް ޕްރޮޖެކްޓެވެ. ޑިޓިއުންގެ 'ކޯންޗެއްބާ' އަކީ ކޯންޗެއްކަން ނޭނގި އެ ހޯދަން އުޅުނު މީހުން ވެސް މަދެއް ނޫނެވެ. ދުވަސްކޮޅަކު އިންތިޒާރުގައި ތިބެން ޖެހުނު ނަމަވެސް، ރޭ މި ވަނީ އެ ކޯންޗެއްކަން ބެލުންތެރިންނަށް އެނގިފައެވެ.

ޑިޓިއުން ބޭންޑްގެ ކޯންޗެއްބާ އަކީ ފުރިހަމަ ރީތި ލަވައެކެވެ. މި ލަވަ ރިލީޒްކޮށްދީފައިވަނީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.

ޑިޓިއުންގެ ކޯންޗެއްބާ ޖެންޑާ މިނިސްޓަރު ޒެނީޝާ ރިލީޒްކޮށްދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުރަތަމަ އެ ވީޑިއޯ ދައްކާލި އިރަށް ޑްރާމާ އަކާ ވެސް ވައްތަރުވިއެވެ. އެ ޕްރޮޖެކްޓްގައި މުންކޮ އުޅޭތީ ވެސް ގިނަ ބަޔަކު ކުރިން އެހެން ވެސް ބުންޏެވެ. ދިވެހިވަންތަކަން ދައްކުވައިދޭ އެ ލަވައިގައި ދައްކުވައިދެނީ ރަން ފޮއްޓެއް ލައްގައިގެން އެ ހޯދަން ބަޔަކު ވާދައަށް އުޅޭ މަންޒަރެވެ.

ދިވެހި ހެދުން އަޅައިގެން އެ ލަވަ ކުޅެފައިވާއިިރު، މޭކްއަޕް އާޓިސްޓް ޖުމައިހް (ޖުމާ)ގެ މޭކަޕްގެ ސަބަބުން އެ ލަވަ އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ.

އެ ލަވަ އެއްކޮށް ޝޫޓް ކުރުމަށް ތިން ދުވަސް ހޭދަވިކަމަށް ބޭންޑްގެ އަންހެން ލަވަކިޔުންތެރިޔާ ފެޒޫ ބުންޏެވެ.

ފެޒޫ ބުނީ ކޯންޗެއްބާ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި މި ޕްރޮޖެކްޓަކީ މުންކޮއާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

"ޓީމުގެ ކޮންމެ މެމްބަރަކީ ވެސް ވަރަށް މުހިއްމު މެމްބަރެއް. އެ މީހުންނާ ނުލާ ހަމަ ކޯންޗެއްބާ ފުރިހަމަ އެއް ނުވާނެ. އެހާ ކާމިޔާބު ޕްރޮޖެކްޓަކަށް މިވީ ހަމަ މި ޓީމްގެ ސަބަބުން. ޓީމް ވޯކް ވަރަށް ވަރުގަދަ މި ޓީމްގެ،" އޭނާ ބުންޏެވެ.

ޕްރޮޖެކްޓްގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ މަޝްހޫރު ކެމެރާމަން ކަނޑި އަދި މަސްކޭ އެވެ.

ޑީޓިއުން އަކީ ފަސް ޒުވާނުން ހިމެނޭ ގޮތަށް އުފައްދާފައިވާ ބޭންޑެކެވެ. ޑިޓިއުން ބޭންޑްގެ ކޯއްޗެއްބާ ހަމަ ވަރަށްވެސް ފުރިހަމައެވެ.