08 Aug 2011, 14:45
އިގްތިސޯދީ ތަފާތު މަސައްކަތްތައް ކުރުމަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ ފަސް ރަށަކުން ސަރުކާރަށް ދައްކަން ޖެހޭ 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކައިގެން އެ ފަރާތްތަކާ އެކުވެފައިވާ އެއްބަސްވުން ފިޝަރީޒް މިނިސްޓްރީން ބާތިލް ކޮށް، އެ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ނިންމައިފި އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެކި ފަހަރުމަތިން ފައިސާ ދެއްކުމަށް އެންގުމުން ވެސް ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކާފައި ނުވަނީ ށ. އެކަސްދޫ ހިންގާ ޒުލޭހާ ހަފީޒާއި ނ. ބަނޑައިދިއްދޫ ހިންގާ މޫސާ ނަސީރާއި އެ އަތޮޅު ކަޅައިދޫ ހިންގާ އާދަމް ނަސީރާއި ބ. މާމަޑުއްވަރީ ހިންގާ މާމަޑުއްވަރީ އިންވެސްޓްމަންޓާ އަދި ގއ. ފޮނައްދޫ ހިންގާ އަބްދުﷲ އަބްދުލް އަޒީޒު ކަމަށެވެ. އެ ފަސް ފަރާތުން ވެސް މިދިޔަ ޖޫން މަހުގެ ނިޔަލަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާ އަށް އަރާ 36.6 މިލިއަން ރުފިޔާ ހޯދަން ކޯޓުގައި ދައުވާކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެކި ފަހަރުމަތިން ނޯޓިސް ފޮނުވައިގެން ވެސް އެބޭފުޅުން އެ ފައިސާ ކޮންޓްރެކްޓުގައި ވާގޮތަށް ދައްކަވަމުން ނުގެންދެވި. އެހެންވެ އަޅުގަނޑުމެން އެންގިން މިނިސްޓްރީ އަށް ކޮންޓްރެކްޓް އުވާލަން. އަޅުގަނޑުމެން އެފައިސާ ހޯދަން ކޯޓަށް ދާން ޖެހެންޏާ އެކަން ވެސް ކުރާނަން. އެ މަސައްކަތްތައް ކުރިއަށް މި ގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
މީރާގެ ހިސާބުތަށް ދައްކާ ގޮތުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެކަސްދޫން 12 މިލިއަން ރުފިޔާ، ބަނޑައިދިއްދޫން ނުވަ މިލިއަން ރުފިޔާ، ކަޅައިދޫން އަށް މިލިއަން ރުފިޔާ މާމަޑުއްވަރީން 5.9 މިލިއަން ރުފިޔާ އަދި ފޮނައްދޫން 1.7 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަންޖެހެ އެވެ.
އެ ފަސް ރަށުގެ ހުއްދަ ބާތިލް ކުރި އިރު މީރާ އިން މިހާރު ވެސް އަންނަނީ ގިނަ ދުވަސްތަކެއް ވަންދެން ކުއްޔާއި ޖޫރިމަނާ ނުދައްކާ ރިސޯޓުތަކުން އެ ފައިސާ ހޯދުމަށް މައްސަލަތަށް ކޯޓަށް ވައްދަމުންނެވެ.