08 Dec 2017, 23:11
ސާކުގެ ހަގީގީ އަމާޒަށް ވާސިލްވުމަށް ސާކުގެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އެކި ފެންވަރުގައި ގުޅުންތައް އުފައްދައި އާލާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިއަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކު) ގެ 33 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސާކް ސަރަހައްދަކީ އާބާދި ބޮޑު، އެތަކެއް ނަސްލުތަކާއި ދީންތަކުގެ މައްޗަށް އެކުލެވޭ ބޮޑު ސަރަަހައްދެއް ކަމަށެވެ. އަދި ފާއިތުވި 33 އަހަރުތެރޭ ސިޔާސީ ހަލަބޮލިކަމުގެ ހިޔަނި އެ ޖަމާއަތަށް އެޅުނުކަމުގައި ވިޔަސް އެކި ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފައި ދޭދޭ ގައުމުތަކުން ކުރިއަށް ދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސާކުގެ ގައުމުތަކުގެ މެދުގައި ލިޔަން ކިޔަން ދަންނަ މީހުންގެ އަދަދު ދަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސާކްގެ ސަރަހައްދުން ފަގީރުކަން ނަައްތާލައި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރަން ބޭނުންނަމަ އެ ގައުމުތަކުގެ ރައްޔިތުންނަށް ތައުލީމު ލިބޭނެ އިތުރުގޮތްތައް މަގުފަހިކޮށް ތައުލީމުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ސާކުން ވެސް ތަހަައްމަލުކުރަން ޖެހޭ ކަމަށާއި އަދި އެ ކަަަންތަައްތަކަށް ހައްލު ހޯދުމަށް ދޭދޭ ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސާކުގެ ގައުމުތަކުގެ މެދުގައި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ފުރިހަމަ ތާއިދާއި އެއްބާރުލުން ރާއްޖެއިން އަބަދުވެސް ދޭނެ ކަމަށާއި ގައުމުތަކުގެ މެދުގައި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން އަމަންއަމާންކަން ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.