08 Dec 2017, 21:36
މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދުއާ ކުރަން ހުއްޓައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބައްޕަ މުހައްމަދު ހައްސާންގެ މައްޗަށް ޖިންސީ މުއާމަލާތް ހިންގަން އެދުމުގެ ތުހުމަތާއި އިތުރު ތުހުމަތުތަކެއް ފުލުހުން ކޮށްފި އެވެ.
ހައްސާނު ހައްޔަރު ކުރުމަށް ފަހު ފުލުހުން ދީފައިވާ މައުލޫމާތު ފޯމުގައި ފަސް ކުށެއްގެ ތުހުމަތު ވަނީ އޭނާ މައްޗަށް ކޮށްފަ އެވެ.
ތުހުމަތު ކުރެވޭ ކުށްތައް
- ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުން
- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
- ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަ ނެތި ހިންގުމާއި، ލައިސަންސް ނެތި އިމްޕޯޓް ކުރުމާއި، ހުއްދަ ނަގަން ޖެހެ ކަމެއް ހުއްދަ ނުނަގައި ކުރުން
- އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުން
- އާންމުތަނެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުން
- އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހިންގުން
އެ ހުރިހާ ތުހުމަތެއްވެސް ހައްސާނުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
ހައްސާން މިއަދު ހައްޔަރުކޮށްފައިނީ އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ދުއާ ކުރަން ހުއްޓައެވެ.
އިސްލާމި މަރުކަޒުގައި ބަދު ދުއާ ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައްސާނާ ސުވާލުކޮށްފަ އެވެ. ނަމަވެސް ހައްސާނު ބުނެފައިވަނީ އޭނާ ބަދު ދުއާ ކޮށްފައިނުވާނެ ކަމަށެވެ.