08 Dec 2017, 21:07
އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލަައިގަތުމާ ދެކޮޅަށް ފަލަސްތީނުން ފެށި މުޒާހަރާގައި އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ކުރިއަށްދާ މުޒާހަރާގައި ދަނީ އިސްރާއިލުގެ ސިފައިންނާ ފަަލަސްތީނުގެ ރައްޔިތުންނާ ކުރިމަތިލުންތައް ހިނގަމުންނެވެ.
ތުުރުކީގެ އަނަދޮލޫ ނިއުސް އޭޖެންސީއިން ބުނީ ހުޅަނގު އައްސޭރީގެ ހިބްރޯން، ނާބުލުސް، ޖެނިން، ތުލްކަރަމް އަދި ޖެރިކޯގައި މުޒާހަރާތައް ކުރިއަށް ދާ ކަމަށެވެ.

ގުދުސްގެ މައްސަލައިގައި ފަަލަސްތީނުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން --
ހުޅަނގު އައްސޭރީގެ ސިއްހީ އިދާރާތަކުން ބުނިގޮތުގައި މިހާތަނަށް 50 މީހުން ޒަޚަމްވެ 16 މީހުންނަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާދެމުންނެވެ.
އަލްޖަޒީރާއިން ބުނީ ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ފަަލަސްތީނުގެ ރައްޔިތުންނާއި އިސްރާއިލުގެ ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގި ކަމަށާއި، ނަމަވެސް މިހާރު އެސަރަހައްދުގައި ހަމަނުޖެހުންތައް މަޑުޖެހެމުންދާ ކަމަށެވެ. މުޒާހަރާތައް ހުއްޓުވުމަށް އިސްރާއިލުން ވަނީ ކަރުނަގޭހާއި ރަބަރު އުންޑަ ބޭނުން ކޮށްފައެވެ.
ފަލަސްތީނުގެ ނިއުސް އޭޖެންސީއެއް ކަމަށްވާ ވަފާ އިން ބުނީ ޣައްޒާގެ އައްސޭރިފަށުގެ ހާންޔޫނުސް ސަރަހައްދުގައި ކުރިއަށް ދިޔަ މުޒާހަރާއަށް އިސްރާއިލުން ބަޑި ޖެހުމުގެ ސަބަބުން ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ގުދުސްގެ މައްސަލައިގައި ފަަލަސްތީނުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން--
އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް އެމެރިކާއިން ބަލައިގަތީ ބުދަ ދުވަހުއެވެ. މީގެ ކުރިން އެމެރިކާގެ ހުރިހާ ރައީސުން ވެސް ވަނީ ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ދެކޮޅު ހައްދަވައިފައެވެ.
ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު އެ ނިންމުން ނިންމެވީ ފަލަސްތީނާ އިސްރާއިލާ ދެމެދު ސުލްހަ ގެނެވޭނެ އެންމެ ރަނގަޅުގޮތް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ޓްރަމްޕްގެ ނިންމެވުން ފަލަސްތީނުގެ ފަތަހަ އަދި ހަމާސް ޖަމާއަތުންވެސް ވަނީ ކުއްވެރިކޮށްފައެވެ. ހަމަ އެހެންމެ ހުޅަނގުގެ ގިނަ ލީޑަރުން ވެސް ވަނީ ޓްރަމްޕްގެ ނިންމުމާ ދެކޮޅުހަދައިފައެވެ.