އިސްލާމީ މަރުކަޒުގައި އިދިކޮޅު ފަރާތްތަކާއެކު ދުއާ ކުރަން ހުއްޓައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބައްޕަ މުހައްމަދު ހައްސާން ހައްޔަރު ކުރީ މަހުލޫފަށް ޖެއްސުން ކުރަން ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިއަދު ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ފަށަން އުޅެނިކޮށް ހައްސާނު ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައްސާން ހައްޔަރު ކުރި ކުރުމަކީ ޣައިރު ގާނޫނީ ގޮތުން ކުރި ކަމެއް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ހައްސާނު ހައްޔަރު ކުރީ ހަމަތަކާ ހިލާފަށް ކަމަށް ބުނެ އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

އިސްލާމި މަރުކަޒުގެ ގޯތިތެރޭގައި ބަދު ދުއާ ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައްސާނާ ސުވާލުކޮށްފަ އެވެ. އަދި މީގެކުރިންވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.