08 Aug 2011, 14:00
ކ. ދިއްފުށިން ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނުނު މީހާ އަތިރިއަށް ދިޔައީ ކުނި އުކަން ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އާނިސް މިއަދު ވިދާޅުވީ އެ ރަށު ކަރަންކާގޭ އިބްރާހިމްފުޅު އިދުރީސް މަރުވެފައި ވަނީ އޭނާ ރޯދަވިއްލުމަށް ފަހު ތަރާވީހަށް ގެންދިޔަ ތަކެއްޗާއި ރޯދަ ވިއްލައިގެން ބާކީވި ތަކެތި އުކާލަން އުތުރު ފަރާތު ގޮނޑުދޮށަށް ދިޔަ ވަގުތު ކަމަށެވެ. ސިކުނޑީގައި މައްސަލަ އެއް ހުންނަ އުމުރުން 65 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ އިބްރާހިމްފުޅު މޫދަށް ވެއްޓިފައި ވަނީ މަރުވެގެން ކަމަށް ބެލެވޭ ކަމަށް ވެސް އާނިސް ވިދާޅުވި އެވެ.
އެކަނި ދިރިއުޅޭ އިބްރާހިމްފުޅު ގޭގައި ނޫޅޭކަން އެނގުނީ އޭނާއާ ތިމާގެ ކުއްޖަކު ތަރާވީސް ކޮށްގެން އެގެއަށް ދިޔަ ވަގުތު ފެންނަން ނެތުމުން ކަމަށެވެ.
އާނިސް ވިދާޅުވީ އިބްރާހިމްފުޅަކީ ދަރިއަކު ނެތް މީހެއް ކަމަށާއި އޭނާ އަށް ކާންދީ ހަދަމުން އައީ ތިމާގެ ބައެއް ކަމަށެވެ.