ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެހެން ބޮޑެތި ޚަރަދުތަކެއް ކުރާކަށް ނުޖެހެއެވެ. އެހެން ނަމަވެސް ބައެއް މީހުންނަށް ވާގޮތަކީ، ހަށިގަނޑުގައި އުފެދޭ ޓޮކްސިން ނުވަތަ ވިހަ ބޭރުކުރުމަށް ވެސް އެކަމަށް ޚާއްސަ، އަގުބޮޑު ޑައެޓެއް ނަގަނީއެވެ. ނުވަތަ ޕްރޮފެޝަނަލް ބައެއްގެ ގާތަށް ގޮސް، ފައިސާތަކެއް ޚަރަދުކޮށްގެން އެކަމަށް އެހީހޯދަނީއެވެ.

ހަގީގަތުގައި، މި ހުރިހާ ޚަރަދެއް ނުކޮށްވެސް އަހަރެމެންނަށް ޑީޓޮކްސް ނުވަތަ ހަށިގަނޑުން ޓޮކްސިން ބޭރުކުރުމަށް ކަންތައްތަކެއް ކުރެވިދާނެއެވެ. ބޭނުންވަނީ، ފިސާރި ކެރިގެން ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކޮށްލުމެވެ. އެއްގޮތަކަށްވެސް އަގުބޮޑު ޖިމްތަކަށް ދިއުމާއި ވަކިގޮތަކަށް ބައްޓަންކޮށްފައި ހުންނަ ޚާއްސަ ޑައެޓް ޕްރޮގްރާމްތަކަށް ބަރޯސާވާކަށް ނުޖެހެއެވެ.

ގިނައިން ފެން ބުއިމަށް އާދަކުރޭ

ހަށިގަނޑުން ޓޮކްސިން ބޭރުކޮށްލުމަށް ކުރެވިދާނޭ ވަރަށް ފަސޭހަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ގިނައިން ފެންބުއިމަކީ ވަރަށް މުހިއްމުކަމެކެވެ.

ގިނައިން ފެންބުއިމަކީ ހަށިގަނޑުން ވިހަ ބޭރުކުރުމަށް އެހީތެރިވެދޭކަމެއް -- ފޮޓޯ: ގެޓީ

ދުވާލެއްގެ މައްޗަށް މަދުވެގެން 8 ތަށި ފެންބުއިމަށް އާދަކުރާށެވެ. އެހެނީ، ފެނަކީ ހަށިގަނޑު ތާޒާކޮށް ބެހެއްޓުމާއި ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްލުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗަކަށް ވާތީއެވެ. ގިނައިން ފެން ބޯނަމަ، ހަށިގަނޑުގެ ސެލްތައް ހައިޑްރޭޓްވެ، ހަންގަނޑަށްވެސް ތާޒާކަން ލިއްބައިދެއެވެ.

ކަސްރަތުކޮށްލަން ވަގުތު ހޯދަމާ!

ކަސްރަތުކުރާން ކޮންމެހެން އަގުބޮޑު ޖިމްތަކުގެ މެންބަރުންނަށް ވާކަށް ނުޖެހެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ކަސްރަތުކުރުމަށް ހުސްކޮށްލައިގެން، އެއްވެސް ޚަރަދެއް ނުކޮށް މިކަން ކޮށްލެވިދާނެއެވެ.

ބައިކް މޯލްޑިވްސްގެ އެނުއަލް ޖޫނިއަރ ބައިކް ޓުއަރގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

އާންމުގޮތެއްގައި ވަރަށް ފަސޭހައިން ކޮށްލެވިދާނޭ ކަސްރަތުތަކުގެ ތެރޭގައި، ހިނގާލަން ދިއުން ނުވަތަ ބައިސްކަލް ދުއްވާލުން ހިމެނެއެވެ. ނުވަތަ މެންދުރުގެ ކެއުމަށް ފަހު ކުޑަކޮށް ދުވެލާ ހަދާލުން، ނުވަތަ ޖޮގިންއަށް ދިއުމަކީވެސް ހަމަ ކޮށްލެވިދާނޭ ކަމެކެވެ. އެއީ ގާތްގަނޑަކަށް 15 މިނިޓް ނުވަތަ ބައިގަޑިއެއްހާ އިރަށެވެ.

އުމުރުން ދުވަސްވާ ވަރަކަށް ސިިއްހަތަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހޭ ---

ހަށިގަނޑު ހަރަކާތްތެރިކުރުވާ، ނުވަތަ ފިޒިކަލް އެކްޓިވިޓީތަކުގެ ސަބަބުން މީހާގެ މޫޑު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ ހޯމޯން އުފައްދައެވެ. އަދި ހަމައެއާއެކު ހަށިގަނޑުގައި ލޭދައުރުވުން އިތުރުވެ، ޑީޓޮކްސިފައި ވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދެއެވެ.

ކާނާގައި އެންޓި-އޮކްސިޑަންޓް ހިމެނުން

ކޮންމެ ދުވަހަކުވެސް ކެއުމުގައި، ޚާއްސަ ބާވަތްތަކެއް ހިމެނުން އާދަކުރާށެވެ. މިއީކީ މާކަބޮޑު ޚަރަދުތަކެއް ނުކޮށް ހޯދިދާނޭ، އެހެން ނަމަވެސް ހަށިގަނޑުގެ ހެދިބޮޑުވުމަށާއި، މަރާމާތަށް އެހީތެރިވެދޭނޭ ކާބޯތަކެތީގެ ބާވަތްތަކެވެ.

ކޮޕީ ފަތާއި ސްޕިނެޗް ފަދަ ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތައް ކާނާގައި ހިމެނުމަކީ ވަރަށް މުހިއްމުކަމެއް -- ފޮޓޯ: މަސްލްބިލްޑިންގފުޑްސް

މިސާލަކަށް ލުނބޯ ނުވަތަ އޮރެންޖް ފަދަ ސިޓްރަސް ނުވަތަ ހުތް މޭވާގެ ބާވަތްތައް ބޭނުންކުރަންވީއެވެ. މީގެ ސަބަބުން ހަށިގަނޑުގައި އެންޒައިމްގެ ކަރަކާތްތައް ހަލުއިވެ، ޓޮކްސިންތައް ބޭރުކޮށްލުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭކަމަށް، ދިރާސާތަކުން ދައްކައެވެ. ގިނަ އަދަދެއްގެ ވިޓަމިނާއި އެންޓިއޮކްސިޑަންޓްސް އެކުލެވޭ ލުނބޮޔަކީ ހަށިގަނޑުން "ޓޮކްސިން"ތައް ބޭރުކުރުމަށް އެންމެ ފައްކާ އެކައްޗެވެ. ލުނބޯގައި ހުންނަ ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގައި "ގްލޫޓަތިއޯން" ކިޔާ މާއްދާއެއް އުފެދެ އެވެ. އެމާއްދާއަކީ ހަށިގަނޑުން "ޓޮކްސިން"ތައް ބޭރުކުރަން މަސައްކަތްކޮށްދޭ އެއްޗެކެވެ. އޭގެއިތުރުން ލުނބޮޔަކީ މީހާގެ ގައިގައި ވަރުޖައްސާ، ހަށިގަނޑުގައި ހުންނަ ކާނާ ހަޖަމުކުރުމުގެ ބާރުވެސް ގަދަކޮށްދޭ އެއްޗެކެވެ.

ލުނބޮއާއި އޮރެންޖަކީވެސް ޑީޓޮކްސް ކޮށްދޭ މޭވާގެ ބާވަތްތައް -- ފޮޓޯ: ޑެއިލީ ސްޓާ

ކެއުމުގައި ފެހި ކާނާގެ ބާވަތްތައް އިތުރުކޮށްލަމާހެއްޔެވެ. މީގެ ތެރޭގައި، ކޮޕީފަތާއި ސްޕިނެޗް ފަދަ ފެހިކަން ގަދަ ބާވަތްތަކަށް އިސްކަން ދޭށެވެ. އެހެނީ، އޭގައި އެކުލެވޭ ކްލޮރޯފިލްގެ ސަބަބުން ޑީޓޮކްސިފިކޭޝަނަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާތީއެވެ.

ނިދުމުގެ ވައްޓަފާޅި ހަމައަކަށް އެޅުވުން

ރޭގަނޑުގެ އަރާމު ނިދިން ލިއްބައިދޭ ފައިދާތައް އެއްގޮތަކަށް ވެސް ހަނދާން ނައްތައި ނުލާށެވެ. އަހަރެމެންގެ ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން، ނިދުމަށް ދޭންޖެހޭ ފުރިހަމަ އަހައްމިއްޔަތުކަން ނުދެވެއެވެ. ޚާއްސަކޮށް ނިދާ ގަޑިތަކަށް އެއްވެސް ވަރަކަށް ފަރުވާލެއް ނުބެހެއްޓެއެވެ. އެހެންކަމުން ނިދުމަށާއި ނިދާ ގަޑިތަކަށް ވަރަށްބޮޑު ސަމާލުކަމެއް ދޭން އެބަޖެހެއެވެ.

ނިދުމަށް ޚާއްސަ ގަޑިތަކުގައި ރަނގަޅަށް ނިދާނަމަ، އޭގެ ސަބަބުން ހަށިގަނޑަށް ލިބެން ޖެހޭ އަރާމާއެކު، ސިކުނޑީގައި އުފެދޭ ބޭކާރު ބައިތައް ނައްތާލަދޭކަމަށްވެއެވެ. އަދި މި ފަދަކަމަކަށް ސިކުނޑި އެންމެ ބޮޑަށް ތައްޔާރުވަނީވެސް ނިދާފައި އޮންނަ ގަޑިގައިކަމަށްވެއެވެ.

ވަގުތުވާ މިންވަރަކުން، ހަށިގަނޑުގެ ބޮނޑިތާންކޮށްލުމާއި، މޫދަށް އެރިލުން، އަދި ހަށިގަނޑުން ދަލާއި މިލަތައް ބޭރުކޮށްލާފަދަ ގޮތަކަށް، ހަރަކާތްތެރިވެލައި އުޅުމަކީ، ހަރަދުކުޑަ ދިރިއުޅުމެއްގައި ވެސް ދުޅަހެޔޮ ސިއްހަތަކަށް ކުރެވިދާނޭ ކަންކަމެވެ.

މައުލޫމާތު:ހެލްތުޑައިޖެސްޓް، ޑެއިލީ ސްޓާ