ނަރުސްކަން ކިޔަވާ 74 ދަރިވަރަކު އިންޑިއާގައި އަމަލީ ތަމްރީނު ނިންމުމަށްފަހު އެނބުރި މާލެ އަތުވެއްޖެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ދެ މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ނަރުހުން މާލެ އައިސްފައިވަނީ މިއަދު މެންދުރު އެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން (ޓިވެޓް އޮތޯރިޓީ)ގެ ޑިރެކްޓަރު އަމިނަތު އަސްރާ މިއަދު ސަން އަށް ވިދާޅުވީ ހުރިހާ ކުދިންވެސް ޓްރެއިނިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

" މި ކުދިންގެ މަސައްކަތް ވަރަށް ކާމިޔާބު. ޓްރިވެންޑްރަމްގެ ހާއްސަ ހޮސްޕިޓަލެއްގައި މި ކުދިން މި މަސައްކަތް ކުރީ. ނަރުހުން ކުރާ އެންމެ ކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތައް ވެސް މި ކުދިން ކުރި. މުޅިން ތަފާތު ތަޖުރިބާ އަކަށް މިކަން ވާނެ،" އޭނާ ވިދާޅުވިއެވެ.

އެ ކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން ފުރިހަމަ ކުރެވޭ ކޯހުގެ އަމަލީ ތަމްރީނަކީ އެ ކޯހުގައި ކޮންމެހެންވެސް ހިމަނަން ޖެހޭ ތަމްރީނެއްކަމަށާއި މާލޭގައި ވެސް އެ ފަދަ ތަމްރީން ދެވެން އޮތް ނަމަ ވެސް 74 ދަރިވަރުން މާލެ އައިސް ކުރަން ޖެހޭ ހަރަދު ތަކަކީ ބޮޑު ހަރަދަކަށް ވުމުން ބޭރުގައި އެ ތަމްރީން ދިނުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކުދިންނަކީ ރަށުގައި ދިރިއުޅޭ ކުދިން. 74 ދަރިވަރުން ކިހިނެއް މާލެ އައިސް އެކުދިންގެ އަމިއްލަ ހަރަދުތައް ބަލަހައްޓާނީ. އަނެއްކޮޅުން އެހާ ހަރަދު ބޮޑު ވާނެ މާލޭގައި އުޅެން. ދެ މަސް ދުވަސްވަންދެން ހިފަހައްޓާލަން ވަރަށް އުނދަގޫވާނެ. އެ ކަމަށް ވިސްނާފައި އިންޑިއާ އަށް ދާން ވިސްނީ. މާލެ އަށް ވުރެ އެތައް ގުނަ އެއް ހަރަދު ކުޑަ.،" އޭނާ ވިދާޅުވިއެވެ.

ނިމިގެން ދިޔަ އަމަލީ ތަމްރީނަކީ ކުދިން ވަރަށް ޝައުގުވެރިކޮށް ތިބެ ނިންމާލި ތަމްރީނެއް ކަމަށާއި ނަރުހެއްގެ ދިރިއުޅުމުގައި އެ ތަމްރީނަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ތަމްރީނެއް ކަމަށް އަސްރާ ވިދާޅުވިއެވެ.

"އެ ކުދިން ތަމްރީން ހޯދީ ޓްރިވެންޑްރަމްގެ ޓީޗިންގް ހޮސްޕިޓަލެއްގައި. އެ ހޮސްޕިޓަލްގެ ސްޓާފުންނަކީ ވެސް ކިޔަވާދޭ ބޭފުޅުން. ނާސިންގެ ލެބް ތަކުގައި ވެސް މި ކުދިން ހަރަކާތްތެރިވި. ހިތުގެ މައްސަލަތައް ހުންނަ ބޭފުޅުންނަށް ވެސް އެ ކުދިން ފަރުވާ ދިން،" އޭނާ ވިދާޅުވިއެވެ.

'އެމެރިކަން ހާޓް އެސޯސިއޭޝަން' އިން ހިންގި ހާއްސަ ސެޝަން ތަކުގައި ބައިވެރިވި އެ ދަރިވަރުންނަށް އެ ސެޝަން ނިންމުމުން ހަނދާނީ ލިޔުމެއް ލިބިފައިވާ ކަމަށާއި އެ ސެޝަންގައި މައިގަނޑު ގޮތެއްގައި އެ ކުދިން ފަރުވާ ދީފައިވާނީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަލިމީހުންނަށް ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ އެ ކޯހުގެ ކިޔެވުން މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އަސްރާ ވިދާޅުވި އެވެ.

އެކުދިންގެ ފަހު އިމްތިހާނު އޮތީ ޖެނުއަރީ މަހު އެވެ.

ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ނާސީން ހަދާ ކުދިން އާންމުކޮށް ތަމްރީނަށް ގޮސްފައިވަނީ ލަންކާ އަށެވެ.