08 Dec 2017, 15:35
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިވަނީ ސ. ހިތަދޫ ހަވާސާ، އުމުރުން 31 އަހަރުގެ އިބްރާހިމް މުސްތާގު ކަމަށެވެ. އަދި އޭނާ މަރުވީ މޭ ދަށަށް ތަދެއް އަރައިގެން ރިޕޯޓް ކުރުމާ ގުޅިގެން ހިންމަފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އޭނާގެ މޭ ދަށަށް ތަދެއް އަރައިގެން ކަމަށް ބުނެ އެހެން ގައިދީއަކު ރިޕޯޓް ކުރިމުން ޑިއުޓީގަ ހުރި އޮފިސަރު ވަގުތުން ވަނީ އެޓެންޑްކޮށްފަ. އަދި ޖަލުގެ ސިއްހީ އޮފިޝަލުގެ އިރުޝާދުގެ ދަށުން ސިއްހީ މަރުކަޒަށް ގެންދިޔައީ. ގެންދިޔަތާ މާގިނައިރުތަކެއް ނުވެ މަރުވީ،" އޮފިޝަލް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ އޮފިޝަލުންނާ ހަވާލާދީ ކަރެކްޝަނުން ބުނީ މުސްތާގް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
އައްސޭރި ޖަލުގައި މުސްތާގު ތަންފީޒުކުރަމުންދިޔައީ ވައްކަމުގެ މައްސަލައެއްގައި އިއްވާފައިވާ ތިން އަހަރާ ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ.