ކޮންމެ ހުކުރު ދުވަހެއްގެވެސް ހުކުރު ނަމާދަށް ފަހު އިދިކޮޅު އިއްތިހާދުން ކުރިއަށްގެންދާ ދުއާކުރުމުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ ބައްޕަ، މުހައްމަދު ހައްސާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ދުއާކުރަން ފަށަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ހައްސާން އެކަންޏެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މިއަދު މެންދުރު އިސްލާމީ މަރުކަޒު ސަރަހައްދުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަހްމަދު މަހުލޫފް މިއަދު ވަނީ އޭނާ ބައްޕަ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް އާންމުކޮށްފައެވެ.

ހައްސާން މިއަދު ހައްޔަރު ކުރިއިރު އޭނާ އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާކުރި ކަމަށް ތުހުމަތުކޮށް ހިންގާ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ. ނަމަވެސް އިއްޔެ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާ ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ.

"ސަން" އަށް މައުލޫމާތު ދެމުން ހައްސާން ބުނީ ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރުކުރާކަމަށެވެ. އަދި ހައްސާނު ބުނީ އޭނާ ބަދު ދުއާކޮށްފައިނުވާނެ ކަމަށާއި މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހުކުރު ނަމާދަށްފަހު ދުއާކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އަނިޔާވެރިއެއް ކަމަށް ބުނެ އަނިޔާވެރިޔާގެ އާރާއި ބާރު ނެތިގޮސް އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް އެދި ކަމަށާއި އެއީ ބަދު ދުއާއެއް ނޫންކަމަށް ވެސް ހައްސާނު ވަނީ ބުނެފައެވެ.

ބަދު ދުއާކުރި ކަމަށް ބުނެ މީގެކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ވަނީ އޭނާ ދޫކޮށްލާފައެވެ. އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލައެވެ.