އިސްރާއިލުން ގަދަ ކަމުން ފޭރިގަނެފައިވާ ގުދުސަކީ ހުރިހާ މުސްލިމުންގެ ބިމެއް ކަމަށާއި އެ ބިމަކީ އިސްލާމްދީނުގެ ފުރިހަމަ ތާރީހެއް އޮތް އިސްލާމީ މުގައްދަސް ބިމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުތުބާގައި ބުނެފައިވަނީ އިސްރާއިލުން ގުދުސަކީ އެމީހުންގެ ބިމެއް ކަމަށް ކިތަންމެ އާރުލައި ބުނި ކަމުގައިވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ހަގީގަތަކީ ގުދުސް އަދި ފަލަސްތީނަކީ ވެސް އިސްލާމުންގެ ބިމެއް ކަމަށާއި އެ ބިން ޔަހޫދިން ފޭރިގަނެގެން އުޅޭނީ މަކަރުން ކަމަށެވެ.

މަސްޖިދުލް އަޤްސާ ---

ޚުތުބާގައި ބުނެފައިވަނީ ގުދުސަކީ އިސްލާމްދީނުގެ އެންމެ މާތް ތައުހީދު ދެނެގަތް ދެވަނަ ރަށް ކަމަށެވެ. އަދި ބުނެފައިވަނީ އެ ބިމަކީ ގިނަ އަދަދެއްގެ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން އެ ބިމަކަށް އުފަންވެވަޑައިގެން ހުސްޠާހިރުވަންތަ ބިމެއް ކަމަށެވެ. އަދި ކިރިތި ރަސޫލާ ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދު ކުރެއްވީވެސް ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގައި ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެ ބިމަކީ ކީރިތި ރަސޫލާ އިޞްރާ ދަތުރުފުޅު ފެއްޓެވި ބިން ކަމަށެވެ.

އިސްރާއިލުން ނުހައްގުން ފަލަސްތީނުގެ ބިން ފޭރިގަތްކަން ތާރީހުގެ އެކި ޞަފުހާތަކުން ހެކި ދައްކަމުން ހުތުބާގައި ބުނެފައިވަނީ އިސްރާއިލުން ގުދުސް އެމީހުންގެ އަމިއްލަ ބިމެއްކަމަށް ހަދަން އުޅެނީ ބައިނަލްއަގުވާމީ ގާނުނު ތަކާވެސް ހިލާފަށް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް މުސްލިމުން ނުކުންނަން ޖެހޭ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ބިން ނުހައްގުން އަތުލައިގަނެގެން އެ ގައުމުގެ ރައްޔިރުން މަރައި ހުސްކަރަމުންދާ ޔަހޫދީން ބަލި ކުރައްވާތޯ މިއަދުގެ ހުކުރު ހުތުބާގައި ދުއާކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ނަޞްރު ދެއްވުމަށްވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިއަދު ވަނީ ދުއާކޮށްފައެވެ.

އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިދިޔަ ހަފްތާތެރޭގައި ބަލައިގަނެފައެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އިހްތިޖާޖުތައް ކުރަމުންނެވެ.