ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ނެރޭ "އަ ފެއަރ އެންޑް އެފިޝަންޓް ކޯޕަރޭޓް ޓެކްސް ސިސްޓަމް އިން ދި ޔޫރަޕިއަން ޔުނިއަން" ރިޕޯޓުގައި ހިމަނާފައިވާ "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން" ނުވަތަ ޓެކްސްގެ ނިޒާމް ރަނގަޅު ނޫން ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

އީޔޫއިން 2015 ވަނަ އަހަރުގައި އެ ލިސްޓް ނެރުނު އިރު ރާއްޖެ އެ ލިސްޓުގައި ހިމެނިފައި ވީނަމަވެސް މި މަހުގެ ފަސް ވަނަ ދުވަހު ނެރުނު އެ ލިސްޓްގައި ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ. އަދި އިތުރު 17 ގައުމެއް އެ ލިސްޓަށްވަނީ އިތުރުކޮށްފައެވެ.

"ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން"ގެ ލިސްޓުން ރާއްޖޭގެ ނަން އުނިކުރުމާ ގުޅިގެން މީރާއިން ބުނީ، 2015 ވަނަ އަހަރު ނެރެފައިވާ ލިސްޓުގައި ރާއްޖެ ހިމެނިފައިވާތީ، ދިވެހިރާއްޖެ އެލިސްޓުގައި ހިމެނިފައިވާ ސަބަބުތައް ބަލައި ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށް މީރާ އާއި ސަރުކާރުން މަސައްކަތް ތަކެއް ކުރެއްވި ކަމަށެވެ. އަދި މި އަހަރު އެ ލިސްޓުން ރާއްޖޭގެ ނަން އުނިކުރެވިގެން އެ ދިޔައީ އެ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އީޔޫގެ އިރުޝާދުގެ ދަށުން ދިވެހި ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށެވެ.

މީރާއިން ބުނީ، އީ.ޔޫގެ "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން"ގެ ބްލެކްލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކޮށްފައިވަނި ބައިނަލްއަގުވާމީ ދެ ޖަމިއްޔާއެއްގެ މެންބަރަކަށް ވުމަށްފަހުގައި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާތީ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ނިންމެވުމުގެ މަތިން ރާއްޖެ ބައިވެރިވެފައިވާ ދެ ޖަމިއްޔާ އަކީ، އޮގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް (އޯއީސީޑީ)ގެ "ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޮރ ޓެކްސް ޕަރޕަސަސް" އާއި ބައިނަލްއަގްވާމީ ޓެކުހުގެ މައިދާނުގައި ޓެކުހަށް މަކަރުހެދުން ހުއްޓުމުވަށް އޯއީސީޑީ އާއި ޖީ.20 ގެ މެމްބަރު ގައުމުތަކުން އެކުލަވާލާފައިވާ "އިންކްލޫސިވް ފްރޭމްވާރކް" އެވެ.

މިނިސްޓަރ އޮފް ފިނޭންސް ވެސް ވަނީ ރާއްޖެއަކީ ޓެކުހަށް މަކަރުހަދާ ފަރާތްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ގައުމަކަށް ހެދުމަށް ޓެކްސް އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި، އީޔޫއިން އިސްނަގައިގެން ބައިނަލްއަގްވާމީ ޓެކުހުގެ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުގެ އެއްބާރުލުމާއި ބައިވެރިވުން ދެއްވާނެކަމުގެ ޔަގީންކަން އީޔޫއަށް ދެއްވާފައެވެ.