ޖަރުމަން ޗެމްޕިއަން ބޮރޫސިއާ ޑޯޓްމުންޑްގެ ޒުވާން މިޑްފީލްޑާ މާރިއޯ ގޮޓްޒޭއަކީ އަލަށް އުފެދުނު ލަޔޮނަލް މެސީކަމަށް ޖަރުމަންގެ ކުރީގެ ތަރި ފްރާންޒް ބެކެންބާ ބުނެފިއެވެ. އަންނަ ބުދަދުވަހު ޖަރުމަން ގައުމީ ޓީމް ބްރެޒިލްއާއި ދެކޮޅަށް ނުކުންނަ މެޗްގައި ގޮޓްޒޭ ފެންނާނެއެވެ.

ބާސެލޯނާގެ އާޖެންޓީނާ ތަރި ލަޔޮނަލް މެސީއާއި އެއް ހުނަރުތަކެއް ގޮޓްޒޭއަށް ލިބިފައިވާކަމަށް ބެކެންބާ ގަބޫލުކުރެއެވެ. އަދި ގޮޓްޒޭ ހިފެހެއްޓުމަކީ އުނދަގޫކަމަށް ވެގެންދާނެކަމަށް ބެކެންބާ ބުނެއެވެ.

"މާރިއޯ ގޮޓްޒޭ ހިފެހެއްޓުމަކީ ކުރެވޭނެކަމެއް ނޫން. އޭނާގެ ކިބައިގައި ހުރީ މެސީގެ ކިބައިގައިވެސް ހުރި ހުނަރުތައް." ބެކެމްބާ ބުންޏެވެ.

ޖަރުމަން ލީގު ދިފާޢުކުރުމުގެ އަޒުމުގައި ފެށި އާސީޒަންގައި ބޮރޫސިއާ ޑޯޓްމުންޑާއި ހޭމްބާގް ބައްދަލުކުރި މެޗްގައި އުމުރުން 19 އަހަރުގެ ގޮޓްޒޭވަނީ މޮޅުކުޅުމެއް ދައްކައި ލަނޑެއްވެސް ކާމިޔާބުކޮށްދީފައިވެއެވެ. މިމެޗް ބޮރޫސިއާ ޑޯޓްމުންޑް ކާމިޔާބުކުރީ 3-1 ންނެވެ.

"ގޮޓްޒޭއަށްވުރެ މޮޅަށް ކުޅޭ އެހެން މީހެއް ނެތް. އޭނާ އިދިކޮޅު ކުޅުންތެރިން ކަރިން އަވަހަށް ނައްޓާނެ. އޭނާ އެކުޅުންތެރިން ކައިރިން ދެމިގަންނަ ހީވަނީ އިދިކޮޅު އެހެން ކުޅުންތެރިއެއް ނެތީހެން. އޭނާއަކީ މެސީކަހަލަ މޮޅު ކުޅުންތެރިއެއް." ބެކެންބާ ބުންޏެވެ.

ބޮރޫސިއާ ޑޯޓްމުންޑަށް ޖަރުމަން ލީގު ތަށި މިދިޔަ ސީޒަންގައި ހޯދިއިރު ޓީމުގެ މެދުތެރޭގައި ގޮޓްޒޭއާއިއެކު ހަރަކަތްތެރި ތުރުކީގެ ނޫރީ ސަހިން ރެއާލް މެޑްރިޑަށް ގެންދިޔަގޮތަށް ބޮރޫސިއާ ޑޯޓްމުންޑުން މިހާރު އެންމެ ފާހަގަކޮށްލެވެނީ މާރިއޯ ގޮޓްޒޭއެވެ. ގޮޓްޒޭ ކުޅޭ ކުޅުން އަދިވެސް ދެއްކޭނަމަ ބޮޑެތި ކްލަބުތަކުގެ ލޯތައް އަމާޒުވެދާނެކަމާމެދި ޝައްކެއްނެތެވެ.