ފުޓްބޯޅަ މެގަޒިންފްރާންސް ފުޓްބޯލްއިން ހޮވާ ބެލޮންޑިއޯ އެވޯޑު، ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަސް ވަނަ ފަހަރަށް ހޯދައިފި އެވެ.

ފްރާންސްގެ ޕެރިހުގައި ރޭ ބޭއްވި އެވޯޑު ހަފްލާގައި ރޮނާލްޑޯ ބެލޮންޑިއޯ ހޯދި އިރު، ދެ ވަނައަށް ހޮވުނީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. އަދި ތިން ވަނައަށް ހޮވުނީ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އެވެ.

މިއަހަރުގެ ބެލޮންޑިއޯއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި 12 ވަނަ ފަހަރަށް ރެއާލަށް ހޯދައިދިނުމަށް އިސްދައުރެއް އަދާކުރި ރޮނާލްޑޯއާއި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ މެސީ ހޯދި ބެލޮންޑިއޯ އެވޯޑުގެ އަދަދު ވަނީ އެއްވަރުވެފައެވެ. މެސީ ވެސް އެ އެވޯޑު ފަސް ފަހަރަކު ހޯދާފައިވެއެވެ.

އެވޯޑު ހޯދުމަށް ފަހު ރޮނާލްޑޯ ބުނީ، ކޮންމެ އަހަރަކު ވެސް އެ އެވޯޑު ހޯދުމަށް އަޒުމު ކަނޑައަޅާ ކަމަށެވެ. އަދި ރޮނާލްޑޯ ވަނީ ރެއާލްގެ ކުޅުންތެރިންނާއި އޭނާގެ ކެރިޔަރުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ރޮނާލްޑޯ ވަނީ މިއަހަރު ފީފާއިން ހޮވި ދަ ބެސްޓް ފުޓްބޯލް އެވޯޑްސް ވެސް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ތައާރަފްކުރި އެ އެވޯޑު ފުރަތަމަ ހޯދި ކުޅުންތެރިޔަކީ ވެސް އޭނާއެވެ.

މިއަހަރުގެ ބެލޮންޑިއޯގެ ވަނަތައް:

  1. ކްރިސްޓިއާނޯ ރޮނާލްޑޯ (ރެއާލް މެޑްރިޑް)
  2. ލިއޮނެލް މެސީ (ބާސެލޯނާ)
  3. ނޭމާ (ޕީއެސްޖީ)
  4. ޖިއަންލުއިޖީ ބުފޮން (ޔުވެންޓަސް)
  5. ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް)
  6. ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)
  7. ކީލިއާން އެމްބާޕޭ (ޕީއެސްޖީ)
  8. އެންގޯލޯ ކަންޓޭ (ޗެލްސީ)
  9. ރޮބާޓް ލެވަންޑޮސްކީ (ބަޔާން މިއުނިކް)
  10. ހެރީ ކޭން (ޓޮޓެންހަމް)