08 Dec 2017, 10:37
މުރަނގަ ފަތަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި މަގުބޫލު އެއްޗެކެވެ. މުރަނގަ ގަހުގެ ތޮޅިއާއި މަލަކީވެސް ދިވެހިން އޭގެ ބޭނުން ކުރަމުން އައި އެއްޗިއްސެވެ.
މުރަނގަފަތުގެ މޮޅުކަމުގެ ވާހަކަ މިހާރު މިވަނީ ވަރަށް ގަދަވެފައެވެ. މިއީ މިހާރުގެ "ސުޕަފުޑް" އެކެވެ. އެތައްސަތޭކަ އަހަރެއްގެ މާޒީ އާއެކު މުރަނގަފަތް އަނެއްކާވެސް ޗާޓުގެ ކުރިއަށް އަރާފައިވާއިރު މުރަނގަފަތަކީ ސައުތު އޭޝިއާއާއި އޭޝިއާގެ ގައުމުތަކުގައި މިހާރުވެސް މަގުބޫލު އެއްޗެކެވެ. ފާއިތުވި ފަސް އަހަރު ތެރޭ މުރަނގަ ފަތާ ގުޅޭގޮތުން މައުލޫމާތު ހޯދި މީހުންގެ އަދަދު އާދަޔާހިލާފަށް އިތުރުވެފައިވާކަމަށް ގޫގުލްގެ ތަފާސް ހިސާބުތައް ދައްކައެވެ.
މި ގަހުގެ ފަތާއި މާ އަދި ގަސްގަނޑުގައިވެސް ފައިދާތައް އެކުލެވޭކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ ފުރަމެއާއި ކެންސަރު އަދި ބަނޑުގެ ބަލިތަކަށް ފަރުވާއެކެވެ. މީގެ އިތުރުން ގައިގެ ހަންގަނޑަށާއި ކަށިތަކަށް އަދި ބޮލުގެ އިސްތަށިގަނޑަށްވެސް މިއީ ފަރުވާއެކެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ފަސޭހައިން ހެދޭ މުރަނގަ ގަހާ ގުޅޭގޮތުން ޕާކިސްތާނުގެ ފައިސަލްއާބާދުގައި ހުންނަ ޔުނިވާސިޓީ އޮފް އެގްރިކަލްޗާ އިން ކުރި ދިރާސާޢެއްގައި ބުނެފައިވަނީ މުރަނގަ ފަތުގައި ގިނަ އަދަދަކަށް މިޓަމިންސް އާއި މިނަރަލްސް އެކުލެވޭ ކަމަށާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ނިކަމެތި ވެފައި ތިބޭ ހަށިގަނޑުތަކަށް މިއީ ފަރުވާއެއް ކަމަށެވެ.
ކެރެޓަށް ވުރެ ގިނައިން މުރަނގަ ފަތުގައި ވިޓަމިން އޭ އެކުލެވެއެވެ. ކިރުގެ ބާވަތްތަކުން ލިބޭ މިންވަރަށްވުރެ ގިނައިން ކެލްސިއަމް ލިބެއެވެ. މީގެ އިތުރުންވެސް ގިނަ ފައިދާތަކެއް މުރަނގަ ފަތުގައި އެކުލެވޭއިރު މުރަނގަފަތުން ސިއްހަތަށް ފައިދާކުރާނެ ތައްޔާރީ ކާނާ އުފައްދައި ބާޒާރަށް ނެރުމަށް ބައެއް ފަރާތްތަކުން ދަނީ ވިސްނަމުންނެވެ. މިހާރުވެސް މުރަނގަފަތު ފެނާއި، ޖޫސް އަދި ޕްރޮޓީން ގައުމުތަކުގެ ބާޒާރުގައި އެބަހުއްޓެވެ.