ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އައިލެންޑް އޭވިއޭޝަނުން ދީފިއެވެ.

އެކުންފުނިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވިއަންގެ ޚިދުމަތްދެނީ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ކަމަށް ބުނެ އެ އެއާލައިންގެ އަގު ވެއްޓޭގޮތަށް ބައެއް މީހުން ހަގީގަަތާ ޚިލާފު ވާހަކަ ފަތުރަމުންދާ ކަމަށެވެ.

އެކުންފުނިން ބުނީ މޯލްޑިވިއަން ހިންގަމުންދަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަނުންނާއި ދުނިޔޭގެ ވައިގެ ދަތުުރުފަތުރާ ބެހޭ އިދާރާ، އައިކާއޯ އިން ކަނޑައަޅައިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

"މި އެއާލައިން އިން އެންމެބޮޑަށް އިސްކަންދޭކަމަކީ ދަތުރުވެރިންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމެވެ. މި އެއާލައިނަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އަދި ކަނޑައެޅިފައިވާ ގަވައިދުތަކުގެ އިމުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ އަދި ގަވައދުން އޮޑިޓްކުރެވޭ އެއާލައިނެއް ކަމުގައި ދަންނަވަމެވެ،" އައިލެންޑް އޭވިއޭޝަނުގެ ބަޔާނުގައިވެއެވެ.

ވަކި ބައެއްގެ މަސްލަހަތާއި ފައިދާއަށް މޯލްޑިވިއަންއާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ 100 ޕަސެންޓު ހިއްސާ އޮންނަ އެ އެއާލައިނަށް ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ކުރިމަތިވެގެން ހިނގައިދާނެ ކަމަށް ވެސް އައިލެންޑްއޭވިއޭޝަނުން ބުންޏެވެ.