ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ކާމިޔާބީތައް ހޯދަމުން އަންނަ ބަތަލާ ޕްރިޔަންކާ އަކީ "ބިޒީ" ތަރިއެކެވެ. އުޅެންޖެހޭލެއް ބުރަކަމުން އީމެއިލް ބަލާލާނެ ވަގުތެއްވެސް ޕްރިޔަންކާ އަކަށްް ނުވެއެވެ.

މިހާތަނަށް 50 އަށް ވުރެ ގިނަ ފިލްމުގައި ޕްރިޔަންކާ ހަރަކާތްތެރިވެފައިވާކަމަށް ބީބީސީން ރިޕޯޓުކުރެއެވެ. އޭނާ އަކީ މިހާރު އިންޑިއާގައި ހުރި، އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާވެސްމެއެވެ.

ދެހާސް ވަނަ އަހަރު ރީތީގެ ރާނީގެ ތާޖު ހޯދި ޕްރިޔަންކާ އަކީ ބަތަލާއެއްގެ އިތުރުން ޔުނިސެފްގެ އެމްބެސެޑަރެއްވެސް މެއެވެ. ޝޫޓިން ތަކާއި ދަތުރު ކުރުމުގައި އުޅެންޖެހޭލެއް ބުރަކަމުން އޭނާގެ އީމެއިލް އިންބޮސްކްސްގައި 257،623 އީމެއިލް ނުކިޔާ ނޫނީ ނުހުޅުވާ އެބަހުއްޓެވެ.

ޕްރިޔަންކާގެ ފޯނުގެ ފޮޓޯ އަކާއެކު ކުއެންޓިކޯގައި އޭނާއާއެކު ފެނިގެންދާ އެލެން ޕަވަލް ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ޕްރިޔަންކާއަށް މެއިލް ނުކުރާތި. އޭނާއަކީ މެއިލް ކިޔާ މީހެއް ނޫން" ކަމަށެވެ. އަދި އެހާގިނަ އީމެއިލް ނުކިޔާ ބަހައްޓާފައި ހުރި މީހަކާ ދިމާ ނުވާކަމަށް އެލެން ބުނެފައިވެއެވެ.