ކްލަބް ވޯލްޑްކަޕްގައި ސަންޓޯސްއަށް ކުޅުމުގެ ކުރިން ކްލަބް ބަދަލުނުކުރާނެކަމަށް ބްރެޒިލްގެ ތަރި ނޭމާއެކޭ އެއްގޮތަށް ގަންސޯވެސް ބުނެފި އެވެ.

ގަންސޯ މިހެން ބުނީ ބްރެޒިލް ލީގުގައި ސަންޓޯސް 1-0 ން މޮޅުވި މެޗަށް ފަހު އެވެ.

"އަހަރެން ކްލަބް ވޯލްޑް ކަޕްގައި ސަންޓޯސްއަށް ކުޅުމުގެ ކުރިން އެހެން ކްލަބަކަށް ބަދަލެއް ނުވާނަން. އަހަރެން ބަސް ކްލަބްގެ ރައީސް ލުއިސް ރިބޭރޯއަށް ދީފިން. އަދި އަހަރެން މިކަން ސަޕޯޓަރުންނަށްވެސް އަންގަދޭން." ޒުވާން މިޑްފީލްޑަރ ގަންސޯ ބުންޏެވެ.

ސަންޓޯސްއަށާއި ބްރެޒިލް ގައުމީ ޓީމަށް ދެއްކި މޮޅުކުޅުމުގެ ސަބަބުން ގަންސޯ ހޯދުމަށް ބޮޑު ކްލަބްތަކެއްގެ އިތުރުން ބްރެޒިލް ކްލަބް ކޮރިންތިއަންސްއިން ބޮޑު މަސައްކަތެއް ކޮށްފައިވެ އެވެ.

މިދިޔަ ސީޒަނަށް ފަހު އޭސީމިލާނަށް ކުޅެން ބޭނުންވާކަމަށްވެސް ގަންސޯވަނީ ބުނެފަ އެވެ.