08 Dec 2017, 11:03
ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމައި، އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުފައި ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮދުއާ ކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އިލްތިމާސް ކުރައްވައިފިއެވެ.
ޓީވީއެމްގައި ވާހަކަދައްކަވަމުން ޑރ. ޒިޔާދު ރޭ ވިދާޅުވީ، ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމުން އެންމެ ފުރަތަމަ އެކަން ކުއްވެރިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށާއި ފަލަސްތީނަށް މެދުވެރިވާ ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް ދިވެހި ރައްޔިތުން ތިބޭނީ އެގައުމުގެ ރައްޔިތުންނާއެކު ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުންވެސް ބާއްވާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި ފަަލަސްތީނަކީ ދިވެހީންގެ ހިތްތަކުގައި ވަރަށް ވަރުގަދަ ލޯތްބެއް އޮންނަ ގައުމެއް ކަމަަށް ވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.
ޑރ. ޒިޔާދު ވިދާޅުވީ، އިސްރާއިލުން މަސައްކަތްކުރަނީ ފަަލަސްތީނުގެ ނަސްލު ނައްތާލުމަަށް ކަމަށާއި ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި މާޒީގައި ވެސް ދައްކާފައިވާ އެއްބައިވަންތަކަން މިހާރުވެސް ދައްކައި މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ދިވެހިން މާޒީގައިވެސް ދައްކާފައޮތް އެއްބައިވަންތަކަން މިއަދުވެސް އެބަޖެހޭ ދައްކައި، ފަލަސްތީނު ރައްޔިތުންނާއެކު ތިބެން. ފަލަސްތީނަށްޓަކައި އެބަޖެހޭ އަތްތައް އުފުލެން. ފަލަަސްތީނަށްޓަކައި ﷲ ސުބްހާނަހޫ ވަތައާލާއަށް ދުއާ ދަންނަވާ،" ޑރ. ޒިޔާދު ވިދާޅުވިއެެވެ.
ތާރީޚުގެ މައްޗަށް އަލިއަޅުވައިލައި ޑރ. ޒިޔާދު ވިދާޅުވީ މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ބިނާއެއް ކަމަށާއި އަދި އެތަން ބިނާކޮށްފައިވަނީ އާދަމްގެފާނު ކަމަށެވެ. އަދި އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 3500 އަހަރުކުރިން ވެސް އަރަބި ގަބީލާތައް ފަލަސްތީނުގައި އުޅުނުކަން ތާރިޚުން ހެކިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ފުރަތަމަ ގިބްލަކަމަށާއި އެބިމަށް ޔަހޫދީންގެ އެއްވެސް ހައްގެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މުސްލިމުންގެ ފުރަތަމަ ގިބުލަ، މަސްޖިދުލް އަގްސާއާ ކުޅުމަކީ މުސްލިމުންގެ ލެޔާ ކުޅެލުންކަމަށާއި ޔަހޫދީން މަސައްކަތްކުރަމުންދަނީ އެމީހުންގެ ބޮޑު ދައުލަތެއް ގުދުސްގައި ގާއިމުކުރުމަށް ކަމަށެވެ.
ޔަހޫދީން ދެކޭގޮތުގައި ފުރާތުކޯރުން ފެށިގެން ނީލަކޯރާ ދެމެދު ވާ ހުރިހާ ބިންތަކަކީ އެމީހުންގެ މިލްކެކެވެ.