07 Dec 2017, 22:46
ޗައިނާގެ ސިލްކު ރޯޑް މަޝްރޫއު ރާއްޖޭގެ ތަރައްގީ އާ ގުޅިފައިވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިދާޅުވެއްޖެއެވެ.
ޝީ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
ޗައިނާ އާއި ރާއްޖެ އާ ދެމެދު މިއަދު ވަނީ މެރިޓައިމް ސިލްކް ރޫޓް މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޗައިނާގެ "ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް" މަޝްރޫއުގައި ރާއްޖެއަކީ މުހިއްމު ބައިވެރިއެއްކަމަށް ޗައިނާގެ ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

ރައީސް ޔާމީން ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ޒިންހުއާ ނިއުސް
ސިލްކް ރޯޑް މަޝްރޫއަކީ އޭޝިއާ، އެފްރިކާ، ޔޫރަޕު އަދި އެހެން ސަރަހައްދުތަކާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރުމަށް ޗައިނާއިން އިއުލާންކުރި މަޝްރޫއެކެވެ. އެ އިގުތިސާދީ ޕްލޭނުގެ ދަށުން އެތިން ބައްރު ގުޅުވާލެވޭ އާ މަގެއް ތައާރަފްކުރާނެ އެވެ.
އެގޮތުން އިންޑިއާ ކަަނޑު ހުރަސްކޮށް ހުޅަނގަށް ޗައިނާގެ މުދާ އުފުލާ މަގުތަކުގައިވާ ބަނދަރުތަކަކީ ޗައިނާއިން ބިނާކޮށް، އެ ގައުމުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ބަނދަރުތަކަކަށް ހަދައި، އެއްގަމު މަގުން ޔޫރަޕާއި އެފްރިކާގެ ގައުމުތަކަށް ޗައިނާގެ މުދާ ފަސޭހައިން އުފުލޭނެ ގޮތް ހަދާނެއެވެ.
އެ މަޝްރޫއުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި
ޗައިނާގެ ސިލްކް ރޫޓްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރާއްޖޭން ފުރަތަމަ ފާޅުކުރީ ރައީސް ޔާމީން 2014 ވަނަ އަހަރު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އަދި އޭގެ ފަހުން ޗައިނާގެ ރައީސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަމާ މަޝްވަރާތައް ކުރެއްވި އެވެ.
ރާއްޖެއަށް ތަރައްގީ ގެނައުމުގައި ޗައިނާ އިން ރާއްޖެއާއެކު މަސައްކަތް ކުރާނެ ކަމަށާއި ރާއްޖެއާއި ޗައިނާ އާ ދެމެދު އުފެދިފައިވާ ވަރުގަދަ ޚާރިޖީ ގުޅުމާއެކު ކުރިއަށް އޮތްތަނުގައިވެސް ދެގައުމު ގުޅިގެން މަސައްކަތް ކުރާނެކަމަށް ޗައިނާގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދެގައުމުގެ ސަރުކާރުގެ މުއައްސަސާތަކާއި ޖުޑިޝަރީ އަދި ސިޔާސީ ޕާޓީ ތަކާއި ގާނޫނު ހަދާ މަޖިލީހުން ތަޖުރިބާ ހިއްސާކުރުމުގެ މުހިއްމުކަން ޗައިނާގެ ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
"މޫސުމަށް އަންނަ ބަދަލުތަކާއި ކާބަން މަދުކުރުމަށް ކުރާ މަސައްކަތާ ދެމެހެއްޓެނިވި ތަރައްގީ އަށް ރާއްޖެއިން ކުރާ މަސައްކަތުގައި ޗައިނާ އިން އަބަދުވެސް ރާއްޖެއަށް އެހީވާނެ،" ޗައިނާގެ ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން --- ފޮޓޯ: ޒިންހުއާ ނިއުސް
މީގެ އިތުރުން ކުށްމަދުކުރުމާއި ޓެރަރިޒަމް، ޑްރަގް ޓްރެފިކިން، ޓުއަރިޒަމް އަދި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ދެގައުމުގެ ގުޅުން ހަރުދަނާވެގެން ގޮސްފައިވާ ކަމަށެވެ.
"ދެގައުމުގެ ހާރިޖީ ގުޅުމަށް 45 އަހަރުވެފައިވާއިރު މިހާރަށްވުރެ ބޮޑަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުވެސް ނުހަނު ބޭނުންވާ ކަމެއް. ރާއްޖޭގެ އުމްރާނީ ތަރައްގީގައި ޗައިނާއަކީ މިހާރު މުހިއްމު ހިއްސާއެއް. ރައްޔިތުންނާ ސީދާ ގުޅުންހުރި ދާއިރާތަކުން ޗައިނާ އިން ކުރާ މަސައްކަތް އިތުރަށް ފުޅާވެގެން ދިއުމަކީ އުއްމީދެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާ އާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.
މިއަދު މެންދުރު ބޭއްވި ރައްމިއްޔާތެއްގައި ސިލްކު ރޫޓަށް އެއްބާރުލުން ދިނުމުގެ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ކޯޕަރޭޝަން ވިތްއިން ދަ ފްރޭމްވޯރކް އޮފް ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް އިނިޝިއޭޓިވް" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ ވަންގް ޔީއެވެ.
ސޮއިކުރމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ބައިވެރިވެވަޑައިގަތެވެ.