07 Dec 2017, 22:02
މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް (އެމްވީވީ)ގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިންގާ ކޮމިޓީ އިންތިހާބުކޮށްފި އެވެ.
އެމްވީވީގެ އަހަރީ އާންމު ޖަލްސާ މިރޭ ބާއްވާފައި ވަނީ ސިޓީ ގާޑަންގަ އެވެ. އަހަރީ އާންމު ޖަލްސާގައި އެމްވީވީގެ 19 މެންބަރުން ބައިވެރިވި އެވެ.
މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް (އެމްވީވީ)ގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިންގާ ކޮމިޓީ އިންތިހާބުކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ހިންގާ ކޮމިޓީ މެންބަރުން އިންތިހާބުކުރުމުގެ ކުރިން މުހައްމަދު އަނީސް (ތަރި އަނީސް) ވިދާޅުވީ، އެމްވީވީ އަކީ ވޮލީބޯޅަ ކޯޗުންނާއި ކުރީގެ ކުޅުންތެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށާއި އެމްވީވީގެ މަގްސަދަކީ ވޮލީބޯޅަ އާއިލާއާ ގުޅިގެން ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުން ކަމަށެވެ.
އެމްވީވީގެ އަހަރީ އާންމު ޖަލްސާގައި ފުރަތަމަ ކުރިއަށްދިޔައީ ހިންގާ ކޮމިޓީ އިންތިހާބު ކުރުމެވެ. ހިންގާ ކޮމިޓީގެ ކޮންމެ މަގާމަކަށް ވެސް އެންމެ ފަރާތެއް ކުރިމަތިލާފައި ވުމުން، ދިޔައީ ފެންނަ ނުފެންނަ ވޯޓަކަށެވެ.
މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް (އެމްވީވީ)ގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިންގާ ކޮމިޓީ އިންތިހާބުކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެމްވީވީގެ ރައީސަކަށް އިންތިހާބުކުރީ ސައީދު އަލީ އެވެ. ނައިބު ރައީސުންނަށް އިންތިހާބުކުރީ އަބްދުލް ހަމީދާއި މުހައްމަދު އަނީސް އަދި އިހުސާން ނަސީރެވެ. ހަޒާންދާރަކަށް އަހްމަދު ޝަރީފް އިންތިހާބުކުރި އިރު، ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިންތިހާބުކުރީ މުހައްމަދު ރާމިޒެވެ.
އިންތިޒާމު ސެކްރެޓަރީންނަށް އިންތިހާބުކޮށްފައި ވަނީ މުހައްމަދު ރަނޭޝް އާއި ފަތުހުﷲ ވަހީދެވެ. ހިންގާ ކޮމިޓީގެ އިތުރު މެންބަރުންގެ ގޮތުގައި އިންތިހާބުކުރީ އަހްމަދު ވަހީދާއި އިސްމާއިލް ޝިހާބާއި މުހައްމަދު ނަދީމާއި އީސާ އަލީ އަދި އިބްރާހިމް އާދިލެވެ.