07 Dec 2017, 22:33
ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލެއް އަންނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބައިނަލް އަގުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚިތޯބެއްގައި ޒަމީރު ވިދާޅުވީ ފަސިންޖަރުންގެ ހައްގުތައް ހޯދައިދީ އެ މީހުންގެ އިތުބާރުހޯދުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމަށެެވެ.
މިނިސްޓަރު ވިދާޅުވީ ފަސިންޖަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް ގާނޫނަކަށްވުމުން ސިވިލް އޭވިއޭޝަންގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރެވި އިތުރަށް ފުރިހަމަވެގެން ދާނެކަމަށެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ތަރައްގީއަށް އިޝާރާތްކުރައްވައި ޒަމީރު ވިދާޅުވީ ތަފާތު ވައްތަރުގެ އުދުހުންތައް ރާއްޖެއަށް ތައާރަފްކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފައި ކަމަށެވެ. އެގޮތުން އުދުހުން ކުޅިވަރެއްގެ ގޮތުގައި ތައާރަފްކުރުމަށް "އޭވިއޭޝަން ރެކްރިއޭޝަނަލް އޯގަނައިޒޭޝަން" އިން ހުއްދަ ދީފައިވާ ކަމަށާއި އެ ހުއްދައިގެ ދަށުން ހެލިކޮޕްޓަރު އޮޕަރޭޝަނާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ އެކު އެއްބަސްވުމެއްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފްރޭމްވޯކް އެގްރީމެންޓު" ގެ ދަށުން ކަމާގުޅޭ ރިސްކް އެސެސްމަންޓެއް މިހާރުވަނީ ހަދައި ނިމިފައި ކަމަށާއި އެ އެސެސްމެންޓަށް ބިނާކޮށް ހެދި ޑްރާފްޓް ރިޕޯޓަށް ސަރުކާރުން މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ރާއްޖެގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންސާނީ ވަސީލަތްތައް ހޯދުމުގައި ދިމާވެފައިވާ ދަތިތައް ކަމަށެވެ.
އެއީ ހުރިހާ ގައުމަކަށްވެސް ދިމާވާ ގޮންޖެހުމެއް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މަސައްކަތްކުރަމުންދާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
މަތިންދާ ބޯޓުތަކުގެ ފަޅުވެރިންގެ ފެންވަރުމަތިކޮށް ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ގެންގުޅޭ "ފެޓީގް ރިސްކު މެނޭޖުމަންޓު ސިސްޓަމް" ރާއްޖޭގައި ގާއިމްކުރާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައި މިވަނީ އަރާމުކުރަން އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުން ސިވިލް އޭވިއޭވިއޭޝަން އޮތޯރިޓީގައި އެކަމުގެ ކަންބޮޑުވުންފާޅުކޮށްފައިވަނިކޮށެވެ.