ޑިމޮކްރަސީގެ ސަބަބުން ރާއްޖެއަށް އިގްތިޞާދީ، އިޖުތިމާއީ އަދި ސިޔާސީގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައި ކަމަށް ރާއްޖޭގެ ފޮރިން ސެކެޓްރަރީ އަހުމަދު ސަރީރު ވިދާޅުވެއްޖެއެވެ.

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި މިހާރު ކުރިއަށްދާ ދިހަވަނަ ބާލީ ޑިމޮކްރަސީ ފޯރަމްގައި ޑިމޮކްރަސީއާ ބެހޭގޮތުން ވާހަކަދައްކަވަމުން ސަރީރު ވިދާޅުވީ، ޑިމޮކްރަސީގެ ސަބަބުން ރާއްޖެއަށް ސިޔާސީ އެކިފިކުރުތައް ބަަލައިގަނެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ މުހިންމު އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތިންބާރު ވަކިކޮށް، މިނިވަން މުއައްސަސާތައް އުފައްދައިފައިވާ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ އަޑު ކުރިއަށް ވުރެ ބޮޑަށް އިވި ޑިމޮކްރަސީގެ އަސާސްތަކުގައި ހިފެހެއްޓުމަށް ބާރުއެޅިގެން ގޮސްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ޒައާމަތުގައި ރާއްޖެއަށް ގެންނަމުންދާ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވައިލައި ސަރީރު ވިދާޅުވީ، ތިމާވެއްޓާއި އަދި ދެމެހެއްޓެނިވިގޮތަށް އިސްކަންދީގެން ކުރިއަށް ގެންދާ އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު މުޅިން އާ އުސްމިނަކަށް ގެންދެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އަދުގެ ސަރުކާރުގައި ޒުވާނުންނަށް އިތުރު ފުރަސަތުތައް ހުޅުވައިލައި ތަރައްގީ ގެނައުމުގައި އެމީހުންގެ ބައިވެރިވުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ސަރީރު ވިދާޅުވީ، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދު ފުޅާކުރުމުގެ އިތުރުން ސަރުކާރުން ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ސަރުކާރުން އޮތީ ސާބިތުވެ ކަމަށެވެ. އަދި އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައާއި އިގްތިސާދީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މިސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ވެސް ސަރީރު ވިދާޅުވިއެވެ.

އެމެރިކާއިން އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ރަސްމީކޮށް ބަލައިގަނެ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމެވި ނިންމެވުމާމެދު ރާއްޖެއިން ކަންބޮޑުވާކަން ސަރީރު ވަނީ އެ ބައްދަލުވުމުގައި ފާޅުކުރައްވައިފައެވެ. އަދި ވިދާޅުވީ އެ ނިންމުން ބައިނަލަގްވާމީ ގާނޫނުތަކާ ހިލާފުކަމަށާއި އަދި އެ އަމަލު ދުނިޔޭގެ ގައުމުތަކުން އަމަލުކުރާ ޑިމޮކްރެޓިކް އުސޫލުތަކާ ވެސް ތައާރަޒުވާކަމަށެވެ.

ފޮރިން ސެކެޓްރަރީ ވަނީ އިންޑޮނީޝިއާއިން ޑިމޮކްރަސީގެ އުސޫލުތަކުގައި ހިފަހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުދަންނަވައިފައެވެ.